ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ދެކޮޅު ހަދާ ސަބަބަކީ ހަ މަސް ދުވަހުގެ މުސާރަ ގެއްލުންކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރ އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމުން އެމްޑީޕީން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ކުރަމުންނެވެ. ދައުރުން ބޭރުން ހުށަހެޅި މި އިސްލާހަކީ، ގާނޫނުއަސާސީގެ ރޫހާއި ހިލާފުވުންކަމަށް އެމްޑީޕީން ބުނެ އެވެ.
އިސްލާހާއި ގުޅޭގޮތުން އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ފަލާހު ވިދާޅުވީ، އެމްޑީޕީގެ ސުޕަރ މެޖޯރިޓީއެއް އޮތް 19 ވަނަ މަޖިލީހުން ވެސް އެތައް ފަހަރަކު ޤާނޫނުއަސާސީއަށް އިޞްލާހު ގެނެސްފައިވާ ކަމަށެވެ. ނަމަވެސް، 20 ވަނަ މަޖިލީހުން އިސްލާހެއް ހުށަހެޅުމުން އެމްޑީޕީން އެކަމާ ދެކޮޅަށް ދައްކާ ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް ސާފުވާންޖެހޭކަމަށް ފަލާހު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ގެންނަ، މި ބަދަލުގެ ސަބަބުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުން 6 މަސް ދުވަސް ކުރުވާނެކަން ފާހަގަކުރައްވައި، ފަލާހު ވަނީ އެމްޑީޕީގެ ހުރިހާ މައްސަލައަކީ ވެސް އެއީކަމަށް ވިދާޅުވެފަ އެވެ. ފަލާހު ވިދާޅުވީ އެމްޑީޕީ ކަންބޮޑުވަނީ 6 މަސް ދުވަހުގެ މުސާރަ ނުލިބުން ކަމަށެވެ.
އެމްޑީޕީގެ ބޭފުޅުންގެ މައިގަނޑު ކަންބޮޑުވުމަކީ ދެ އިންތިހާބު އެއްކުރާ މައްސަލައެއް ނޫން. އެ ބޭފުޅުންގެ މައިގަނޑު ކަންބޮޑުވުމަކީ 6 މަސް ދުވަހުގެ މުސާރަ މަދުވާ މަދުވުންކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ
ފަލާހު ވިދާޅުވީ ގައުމީ މަސްލަހަތަށް ވުރެ އެމްޑީޕީން އަބަދުވެސް އިސްކުރަނީ އަމިއްލަ ފައިދާކަމަށާއި، މަދުވާނެކަމަށް ބެލެވޭ ދެތިން ލައްކަ ރުފިޔާ ދޫކޮށްލަން އެ މެމްބަރުން ބޭނުން ނުވާކަމަށެވެ.
އިންތިހާބުތައް އެއްކޮށްލުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މީގެ ކުރިން ވެސް ދެކެވިފައި ހުރި ވާހަކައެއްކަމަށާއި، އަދި ރައްޔިތުން އެ ވިސްނުމަށް ތާއީދު ކުރާކަމަށް ވެސް ފަލާހު ވިދާޅުވި އެވެ. މި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށާއި، ސިޔާސީ ގޮތުން ގައުމުގެ ހަމަޖެހުމާއި މަސްލަހަތަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ފަލާހު ވިދާޅުވީ، މި އިސްލާހަކީ ޤާނޫނުއަސާސީގެ ރޫހާ ހިލާފު ނުވަތަ ބާރު ކަނޑުވާލަން ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރުމަކީ ރައްޔިތުންނަށް ކަންކަން އޮޅުވާލުން ކަމަށެވެ. މި އިސްލާހަކީ ގައުމުގެ ލާބަޔާއި މަންފާއަށްޓަކައި ގެނެވޭ ބަދަލުތަކެއްކަން ރައްޔިތުން ގަބޫލު ކުރާނެކަމަށް ފަލާހު ވިދާޅުވި އެވެ.

