ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަށާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކަށް ހުރަސްއަޅާ ކައުންސިލްތަކަށް، ގާނޫނީ ގޮތުން އަންގަންޖެހޭ އެންގުންތައް އަންގައިގެން މައްސަލަތައް ވޭތުވެ ދިޔަ ދުވަސްތަކުގައި ހައްލުކޮށްފައި ވާނެކަމަށް ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
އަންނަ އޭޕްރިލް މަހުގެ 4 ގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވާއިރު، އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ސަރުކާރަށް އެއްބާރުލުން ދޭނެ ކައުންސިލެއް ހޮވުމާއި ގުޅޭގޮތުންނެވެ. އެގޮތުން ޕީއެންސީގެ ޖަލްސާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ، ތަރައްގީގެ މަޝްރޫއުތަކަށް ބައެއް ކައުންސިލްތަކުން ހުރަސް އަޅާކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެ ކައުންސިލްތަކުން ޕްރޮޖެކްޓުތަކަށް ބޭނުންވާ ބިން ދޫނުކޮށް ލަސްކުރުމާއި، ކައުންސިލްގެ ތެރެއިން ދޭން ޖެހޭ ހުއްދަތައް ނުދީ ހިފެހެއްޓުން ފާހަގަކުރެއްވި އެވެ.
ޕީއެންސީން މާފަންނު މެދު ދާއިރާގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ނިމާލް ވިދާޅުވީ އިދިކޮޅު މެންބަރުންގެ މެޖޯރިޓީ އޮންނަ ބައެއް ކައުންސިލްތަކުން ގަސްތުގައި ސަރުކާރަށް ޖެއްސުން ކުރަމުންދާ ކަމަށެވެ. އެފަދަ އަމަލުތަކުގެ މިސާލެއް ދައްކަވަމުން ނިމާލް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ހުއްދަ ދީގެން މިސްކިތެއްގެ މަސައްކަތް ކުރިޔަށް ގެންދަން އުޅުމުން އެކަމަށް ކައުންސިލަކުން ހުރަސްއެޅި ކަމަށެވެ.
އެ މައްސަލައިގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެތައް ފަހަރެއްގެ މަތީން ގުޅުއްވައި ކަންބޮޑުވުންފާޅުކޮށް މައްސަލަ ހައްލުކޮށްދެއްވުމަށް އެދުނުކަމަށް ނިމާލް ވިދާޅުވި އެވެ. އަދި ވިދާޅުވީ އިދިކޮޅު ކައުންސިލެއްގެ ސަބަބުން، މިސްކިތެއްގައި ނަމާދު ނުކުރެވި އުޅެންޖެހުމަކީ ހިތާމަހުރިކަމެއް ކަމަށެވެ.
މީގެ އިތުރުން ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަށާއި، އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް ކައުންސިލް އިދާރާގެ ތެރެއިން ޑެސްކެއް ބަހައްޓާލާނެ ޖާގަ ދިނުމަށްވެސް ބައެއް ކައުންސިލްތަކުން ދެކޮޅު ހަދާފައިވާކަމަށް ނިމާލް ފާހަގަކުރެއްވިއެވެ. ނިމާލް ވިދާޅުވި ގޮތުގައި، މިފަދަ ހާލަތްތަކުގައި އެލްޖީއޭއިން ވަނީ ގާނޫނީ ގޮތުން އަންގަން ޖެހޭ އެންގުންތައް އަންގައި، ކައުންސިލާއި ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރުމަށް އެކި ގޮތްގޮތުން މަސައްކަތްކޮށްފަ އެވެ. އަދި އެގޮތުގެ ތެރެއިން ބައެއް ހިދުމަތްތަކަށް ބޭނުންވާ ޖާގަ ވެސް އެލްޖީއޭއިން ހޯދައިދީފައިވާނެކަމަށް ނިމާލް ވިދާޅުވި އެވެ.
އޭޓީއެމް މެޝިން ބަހައްޓަންވެގެން ކައުންސިލްތަކަށް ބިން ދޫނުކޮށްގެން އަޅުގަނޑު ހުންނާނެ ބިން އެރަށު ރަށުން ކަނޑާފަ ދީފަ… މިއީ ރައްޔިތުންނަށް އެނގެންޖެހޭ ވާހަކަ. އިމިގްރޭޝަނަށް ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކާ ކައުންސިލް އިދާރާގެ ތެރޭގައި ޑެސްކެއް ބަހައްޓާލާނެ ޖާގަ ކައުންސިލްތަކުން ފޯރުކޮށްނުދީގެން އެލްޖީއޭއިން ހުންނާނެ ކައުންސިލްތަކާ ވާހަކަ ދައްކާ ހަދައިގެން އެންމެ ފަހުން އެގޮތް ފުރިހަމަ ނުކުރެވިގެން އަޅުގަނޑުމެންނަށް ގާނޫނީ ގޮތުން އަންގަން ޖެހޭ އެންގުންތައް ހަދައި، މޭޒެއްގެ ދަރަޖަ އަޅުގަނޑުމެން އެ ކައުންސިލްތަކުން ހުންނާނެ ފޯރުކޮށްދީފައި. މިއީ މަދު ވާހަކަކޮޅެއް. ރަށްރަށުގައި ތާރުއެޅުމުގެ މަސައްކަތަށް އާރްޑީސީން ގެންދާ ލޭބަރުން ބައިތިއްބާނެ ހިޔާވަހިކަން ހޯދުމަށްޓަކާ ބިންކޮޅެއް ދޭށޭ ވަގުތީ ބިންކޮޅެއް ދޭށޭ ބުނީމާ އެ ރަށްރަށުން ބުނީ ތިމަންނަމެންނަކަށް ނުދެވޭނެ އޭ. ތިމަންނަމެން ބޭނުމެއް ނޫނޭ ތާރުއަޅާކަށެއް..
ރަށްރަށުގެ ތަރައްގީއަށް ކައުންސިލްތަކުން ހުރަސްއަޅާކަމަށް ދެކެވޭ ވާހަކަަތައް އިދިކޮޅުން ދޮގުކުރާއިރު، ނިމާލް ވިދާޅުވީ، ރަށްރަށުގައި ތާރުއެޅުމުގެ މަސައްކަތްކުރާ އާރްޑީސީގެ މުވައްޒަފުން ތިބޭނެ ވަގުތީ ބިންކޮޅެއް ދޭން ބައެއް ކައުންސިލްތަކުން ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި ބައެއް ކައުންސިލްތަކުން ފާޅުގައި ތާރު އަޅަން ބޭނުން ނުވާކަމަށް ބުނެފައިވާ ކަމަށް ނިމާލް ވިދާޅުވި އެވެ.
ނިމާލް ވިދާޅުވީ މިފަދަ ކަންކަމަކީ ރައްޔިތުންނަށް އެނގެންޖެހޭ ހަގީގަތްތައްކަމަށާއި، ސަރުކާރަށް މަޖިލީހާއި ކައުންސިލްތަކުގެ މެޖޯރިޓީ ބޭނުން ވަނީ މިފަދަ ޖެއްސުންތަކުން ސަލާމަތްވެ، ރައްޔިތުންނަށް ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމަށްޓަކައި ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ބައެއް ކައުންސިލްތަކުން މަސައްކަތް ކުރަނީ ގަސްތުގައި ދައުލަތަށް ބުރަޖައްސައި، ބަދަލު ހޯދުމުގެ ނިޔަތުގައި ސަރުކާރަށް ދަތިކުރުމަށެވެ.

