176 ބިލިއަން ރުފިޔާ ދައުލަތުން ރައްޔިތުންގެ ޓެކްސް ފައިިސާއިން ކައި ހުސްކުރިކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަަން އަބްދުލް ޣަފޫރު މޫސާ ވިދާލުވެއްޖެއެވެ.
ޣަފޫރު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗު ކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގަައި ވާހަކަ ދައްކަވަމުންނެވެ.
މިހާރު ހިނގަމުން މިދާ ސަރުކާރަކީ އިސްލާމްދީން ހިމާޔަތް ކުރުމަށް ދައުވާ ކޮށްގެން އައިސް އޮތް ސަރުކާރެއް ކަމަށާއި ނަމަވެސް މި ގައުމުގައި އަދިވެސް މަރުގެ ހުކުމް ތަންފީޒުނުވާ ކަމަށް ޣަފޫރު ވިދާޅުވިއެވެ. އަދި މި ސަރުކާރަށް މިކަމް ކުރައްވަން ނުކެރޭން ކަމަށާއި، ގާނޫނެއް ފާސްކުރައްވާފައި އޮތިއްޔާ އެގާނޫނަށް އަމަލު ކުރައްވަން ޖެހޭނެކަމަށް ވެސް ޣަފޫރު ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރާކީ ރައްޔިތުންނަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ހުރިހާ ކަމެއް ކުރާ ވެރިކަމެއްކަމަށާއި، އަދި މި ސަރުކާރަކީ 64000 ފްލެޓު އަޅާން އައި ސަރުކާރެއްކަމަށާއި، ނަމަވެސް އަދިވެސް އެންމެ ގާގަނޑެއްވެސް ނުބޭއްވޭކަމަށް ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ އެމްޑީޕީން 9000 ގޯތި ދީފައިވާނެ ކަމަށާއި، އަދި މި ސަރުކާރުން ދޭނަމޭ ބުނެފައިވާ ގޯތިތައް ނުދޭނަމަ ރައްޔިތުން މިސަރުކާރަށް ވޯޓުދޭން ނުޖެހޭނެކަމަށް ވެސް ޣަފޫރު ވިދާޅުވިއެވެ. މި ސަރުކާރު އައީ އެ ވައުދުގެ މަތީގައި ކަމަށާއި އެ ވައުދުފުޅު ނުފުއްދެންވީ ސަބަބަކީ ކޮބައިތޯ ޣަފޫރު ސުވާލު އުފައްދާފައިވެއެވެ.
މި ސަރުކާރަށް ނިސްބަތްވާ ބޭފުޅުން މަޖިލީހުގައި ވާހަކަ ދެއްކެވި އިރުގައި ދައުލަތަށް ވީ ގެއްލުމުގެ ވާހަކަ ދައްކާ މާލިއްޔަތު ކޮމިޓީއަށް ހުށައަޅައިގެން އެ ގެއްލުމުގެ އޮޑިޓް ހަދާ ވާހަކަ ދެއްކެވި އަޑު އެއްސެވިން ކަމަށާއި، އަދި އެ މައްސަލަ އަދިވެސް މާލިއްޔަތު ކޮމިޓީގައި އެބައޮތްކަމަށް ޣަފޫރު ވިދާޅުވިއެވެ. ނަމަވެސް، މިއަދު އޭގެން އެއްވެސް ބޭފުޅަކަށް މާލޭގެ ރައްޔިތުން އާދޭސްކުރީމާ އެވާހަކަ ދައްކަން ނުކެރުނު ކަމަށް ޣަފޫރު ވިދާޅުވިއެވެ.
އެމްޑީޕީން އަދި ވެރިކަމަށް އަންނާނެކަމަށާއި އެ ބޭފުޅުން އައިސް 40563 ގޯތި ކަނޑާފައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޭނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ. އަދި، މިހާަރުގެ ސަރުކާރަށް ވައްކަން ކުރުން ނޫން އެހެން ކަމެއް ުކުރެވޭ ކަމަށާއި މި ކަމާއި މެދު ރައްޔިތުން ސުވާލު އުފައްދަން ޖެހޭނެކަމަށް ވެސް ޣަފޫރު ވިދާޅުވިއެވެ.
176 ބިލިއަން ރުފިޔާ ދައުލަތުން ރައްޔިތުންގެ ޓެކްސް ފައިިސާއިން ކައި ހުސްކުރި ކަމަށާއި މި ފައިސާއިން ރައްޔިތުންނަށް ވީ އެއްވެސް ކަމެއް ނެތްކަމަށް ވެސް ޣަފޫރު ވިދާޅުވިއެވެ.

