ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު އެއްކޮށްލުމާއި، ރިޔާސީ ދައުރު ދަންމާލުމާއި ގުޅޭ ގޮތެއް ނެތް: ސައްތާރު

ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކުރުމާއި ރިޔާސީ ދައުރާއި ގުޅޭ އެއްވެސް ގޮތެއް އެމްޑީޕީއަށް ރައްޔިތުންނަށް ސާފުކޮށް ނުދެވޭކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.

ބޮޑު ދެ އިންތިހާބު އެއްކޮށްލުމާއި ގުޅޭ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިދިޔަ ހަފްތާގައި ވަނީ ފާސްކޮށްފަ އެވެ. މި އިސްލާހުގެ ބޭނުމަކީ ރިޔާސީ ދައުރު ދަންމާލުންކަމަށް އެމްޑީޕީން ތުހުމަތުތައް ކުރާއިރު ސަރުކާރުން އެކަން ދޮގު ކުރެ އެވެ.

ބިލުގެ ބަހުސް މަރުހަލާގައި ވެސް މަޖިލީހުގެ ތަޅުން ހޫނުވެ، މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ރައްދުކޮށްފައި ވެއެވެ. އަދި ސަރުކާރުގެ މެމްބަރުން ބުނަމުން ދިޔައީ، އެމްޑީޕީ އިސްލާހާއި ދެކޮޅީ ބިލުގައި ބަޔާން ކުރާ ގޮތަށް މި ދައުރުން ހަ މަސް ދުވަސް އުނިވުން ކަމަށެވެ.

އިސްލާހާއި އެކު ބައެއް ފަރާތްތަކުން ގާނޫނީ ބަހުސްތައް ވެސް އުފައްދާއިރު އެއީ، މި ތަންފީޒު ކުރަން ޖެހޭނީ 2029 ވަނަ އަހަރު އިންތިހާބުވާ މަޖިލީހަށްކަމަށެވެ. މިއީ ގާނޫނީ ގޮތުން ކުރެވިދާނެ ބަހުސެއް ނަމަވެސް، 19 ވަނަ މަޖިލީހަށް ވެސް މި އިސްލާހު ތަންފީޒު ކުރުމުގައި ގާނޫނީ ހުރަހެއް ނެތްކަން ގާނޫނީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވަ އެވެ.

މި މައްސަލައިގައި ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައްތާރު ވިދާޅުވީ، އެއީ ކުރެވިދާނެ ބަހުސެއްކަން ގަބޫލު ކުރައްވާ ކަމަށެވެ.

ސައްތާރު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގައި ރައްޔިތުން މެންބަރުން އިންތިހާބު ކުރަނީ ފަސް އަހަރުގެ ދައުރަކަށް ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގެނެވޭ ބަދަލުގެ ސަބަބުން އެ ދައުރުން ގާތްގަނޑަކަށް ހަމަސް ދުވަސް އުނިވެގެންދާނެ އެވެ. މި އިސްލާހު ހިނގާނީ، 21 ވަނަ މަޖިލީހަށްކަމަށް ބުނެ އުފައްދާ ގާނޫނީ ސުވާލުތަކަށް ސައްތާރު ވިދާޅުވީ އެއީ ބަހުސް ކުރެވިދާނެ މައުޟޫއުއެއް ކަމަށެވެ. އެހެންކަމުން ހިނގަމުން މިދާ ދައުރުން 6 މަސް ދުވަސް އުނިވުމަށް ބޭނުން ނުވާ އެމްޑީޕީގެ މެމްބަރުންނަށް އެކަން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތްކަމަށް ވިދާޅުވި އެވެ.

އިންތިޚާބުތައް އެއްކޮށްލުމުގެ އެންމެ ބޮޑު ބޭނުމަކީ ދައުލަތުން ކުރާ ބޮޑު ހަރަދު ކުޑަކުރުންކަމަށް ފާހަގަކުރައްވައި ސައްތާރު ވަނީ އެ ވިސްނުމަށް ތާއީދު ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ކޮންމެ އިންތިހާބަކަށް ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ ހޭދަވާއިރު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމުން ދައުލަތުގެ ބަޖެޓަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ.

މީގެ އިތުރުން، އެމްޑީޕީ ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި ސައްތާރު ވިދާޅުވީ، އިންތިހާބުތައް އެއްކޮށްލުމަކީ ރިޔާސީ އިންތިހާބު ”ވަގަށް ނެގުން“ ކަމަށް ބުނާ ބުނުމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި އިންތިހާބުތައް އެއްކޮށްލުމުން ރިޔާސީ ދައުރު އޮޓޮމެޓިކުން ދިގުވާނެ ގޮތެއް އެމްޑީޕީއަށް ބުނެ ނުދެވޭކަމަށް ވިދާޅުވި އެވެ.

ސައްތާރު ވިދާޅުވީ ލާމަރުކަޒީ އިންތިހާބުތައް ކުރިން ބާއްވަމުން އައި ގޮތުން ވެސް ގައުމަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހުނުކަމަށާއި، މިހާރު މިއޮތް ހާލަތަށް ބަލާއިރު އިންތިހާބުތައް މަދުކޮށް، ހަރަދު ކުޑަކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: