ރާއްޖޭގެ 48 ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމުތައް ގާއިމުކޮށް ބޭނުންކުރަން ފަށައިފިއެވެ.
އެ މަސައްކަތް ފަށާފައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ މަސައްކަތަކީ 48 ރަށުގައި އިއާދަކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް)އޭޑީބީ) ގުޅިގެން ކުރިއަށްގެންދާ ”ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް“ މަޝްރޫއުގެ ދަށުންނެވެ.
މިއީ މީހުން ދިރިއުޅޭ 160 ރަށަށް އަމާޒުކޮށްގެން ކުރިއަށްގެންދެވޭ މި މަޝްރޫއަކީ ހަކަތައިގެ ދާއިރާގެ މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫއު ކަމަށް އެންވައިރޮމެންޓް މިނިސްޓްރީން ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ރަށްރަށުގައި ވަނީ ސޯލަރ ޕީވީ، ބެޓެރީ، ޑީސަލް ޖެނެރޭޓަރު އަދި އެނަރޖީ މެނޭޖްމަންޓް ސިސްޓަމް ހިމެނޭ ހައިބްރިޑް ނިޒާމުތައް ޤާއިމްކުރުމުގެ އިތުރުން މި ނިޒާމުތަކުން އުފައްދާ ކަރަންޓު އިސްރާފުވެގެންދާ މިންވަރު ކުޑަކުރުމަށްޓަކައި ރަށްރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްވެސް ކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން މިހާތަނަށްވަނީ 48 ރަށެއްގައި 7.5 މެގަވޮޓުގެ ހައިބްރިޑް ނިޒާމުތައް ގާއިމުކޮށް ނިމިފައެވެ. މިއާއެކު މުޅި ރާއްޖޭގައި ޖުމްލަ އިއާދަކުރަނިވި ހަކަތަ ގާއިމުކޮށްފައިވާ މިންވަރު ވަނީ 21.5 މެގަވޮޓަށް އިތުރުވެފައެވެ.
މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ ގއ. ވިލިގިލި، ބ.ގޮއިދޫ، ތ.ބުރުނި، ޅ.ކުރެންދޫ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައާއި ހއ.އަތޮޅުގެ 14 ރަށް، ށ.އަތޮޅުގެ 13 ރަށް އަދި ނ.އަތޮޅުގެ 13 ރަށުގައި ހައިބްރިޑް ނިޒާމުތައް ގާއިމުކޮށްފައެވެ.
މީގެ އިތުރުން 2021 ވަނަ އަހަރުގެ ނިޔަލަށް ހދ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ގއ، ގދ އަދި ސ އަތޮޅުގައި އިތުރު 25 މެގަވޮޓުގެ ނިޒާމުތައް ގާއިމުކުރެވޭނެއެވެ. ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި 2023 ވަނަ އަހަރުގެ ނިޔަލަށް 2018 ވަނަ އަހަރު ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ގާއިމުކޮށްފައިވާ އިންސައްތައަށްވުރެ، 20 އިންސައްތަ އުތުރަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މި މަޝްރޫއުގެ ސަބަބުން މި ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވެގެންދާނެއެވެ.

