ދިވެހިރާއްޖޭގެ ވަޒީފާއާއިބެހޭ ކަންކަން އެންމެ ފުރަތަމަ އިންތިޒާމު ވެގެންއައީ އާންމު ޤާނޫނުތަކުގެ ތެރެއިންކަން ކަމަށާއި، 2008 ވަނަ އަހަރު ތަސްދީޤު ކުރެވުނު ވަޒީފާއާބެހޭ ޤާނޫނަކީ ރާއްޖޭގެ މަސައްކަތު މާހައުލަށް އައި ބޮޑު އިންގިލާބެއް ކަމަށް މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒް ވިދާޅުވެއްޖެއެވެ.
މެމްބަރު ޝަމީޒް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ވަޒީފާއާއިބެހޭ ޤާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލް މަޖިލީހަށް ހުށައަޅުއްވަމުންނެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 10 ފެބްރުއަރީ 2026 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައެވެ.
މި ބިލު ހުށައެޅުއްވުމުގެ މައިގަނޑު މަޤްސަދަކީ ވަޒީފާގެ ބާޒާރުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމާއި، ވަޒީފާގެ އެއްބަސްވުންތައް ބާތިލުކުރުމުގެ އުސޫލުތައް ޙަރުދަނާކުރުން ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ވަޒީފާ ދޭފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ޙައްޤުތައް ހަމަހަމަކަމާއިއެކު ކަށަވަރުކޮށް، އެ ޙައްޤުތައް ލިއްބައިދިނުމުގައި ދިމާވާ ދަތިތައް ޙައްލުކުރުން މީގެ ތެރޭގައި ހިމެނެއެވެ.
މެމްބަރު ފާހަގަކުރެއްވި ގޮތުގައި މިހާރު އަމަލުކުރަމުންދާ ޤާނޫނުގެ ސަބަބުން ވަޒީފާގެ އެއްބަސްވުން ބާތިލުކުރާ ހިސާބުން ދޭންޖެހޭ ލިޔެކިޔުންތަކުގެ ސަބަބުން ވަޒީފާ އަދާކުރާ މީހާ ކުއްލިއަކަށް މަގުމަތިވުމާއި، ވަޒީފާ ދޭ ފަރާތަށްވެސް ދަތިތަކާ ކުރިމަތިވެއެވެ. ނަމަވެސް މިއިސްލާހުގެ ސަބަބުން އެއްބަސްވުން އުވާލުމުގައި ސާފު އަދި ޙަރުދަނާ އުސޫލުތަކެއް ކަނޑައެޅި، ކޯޓު މަރުޙަލާގައި ހޭދަކުރާ ވަގުތު ސަލާމަތްވެ، ނުޙައްގުން ވަޒީފާއިން ވަކިކުރުން ފަދަ ކަންކަން ހުއްޓުވުމަށް ބާރަކަށް ވާނެއެވެ.
ޝަމީޒް ވިދާޅުވީ މިއީ ހަމައެކަނި ލިޔެވިފައި އޮންނަ ޤާނޫނެއްގެ ބަދަލުގައި، އަމަލީ ގޮތުން ތަންފީޒުކުރަން ފަސޭހަ އަދި ދެފަރާތަށްވެސް އިންސާފުވެރި ނިޒާމަކަށް ވެގެންދާނެ ކަމަށެވެ. މި ބަދަލާއެކު ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ފުރުސަތުތައް އިތުރުވެ، ބިދޭސީންނަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި އިސްލާހުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ ދުވެލި ހަލުވިވެ، މަސައްކަތުގެ މާޙައުލުގައި އޮންނަ އިތުބާރު ބޮޑުވެގެންދާނެއެވެ. މީގެ އިތުރުން، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއަކީ މަސައްކަތްތެރިކަމުގެ ޙަރުދަނާ އުސޫލުތަކެއް އޮތް ޤައުމެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށާއި، މިއީ ދިވެހި މަސައްކަތްތެރިންގެ މުސްތަޤުބަލަށްޓަކައި އެޅޭ ތާރީޙީ މުހިންމު ފިޔަވަޅެއް ކަމަށް މެމްބަރު ޝަމީޒް ވިދާޅުވިއެވެ.

