ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ކައުންސިލަރުންނަށް: ޞިއްޙީ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކުރުމަށް މަސައްކަތް ކުރައްވާ!

ލ. ހިތަދޫގައި ޞިއްޙީ ޚިދުމަތް ދޭންފެށިތާ 50 އަހަރުފުރުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަދައްކަވަނީ ---- ފޮޓޯ: ރައީސް އޮފިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ޤާނޫނަށް ގެނައި މުހިންމު ބަދަލުތަކުގެ ސަބަބުން، ރަށްރަށުގެ ޢާންމު ޞިއްޙީ ނިޒާމު ހަރުދަނާވެގެންދާނެ ކަމަށާ އަދި ރައްޔިތުންނަށް ދޭންޖެހޭ ޞިއްޙީ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ހުރިހާ ކައުންސިލަރުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މި އިލްތިމާސްކުރެއްވީ ލ. ހިތަދޫގައި ޞިއްޙީ ޚިދުމަތް ދޭންފެށިތާ 50 އަހަރުފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު އެރަށު ސްކޫލްގައި ބޭއްވި ރަންޔޫބީލް ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް ހަރުދަނާ ކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ލާމަރުކަޒީޤާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން، ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމުގައި، ހެލްތު ޕޯސްޓްތަކާއި ޞިއްޙީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ދައުރު ވަރަށް ބޮޑަށް ފުޅާވެގެން ހިނގައްޖެކަމަށާއި، އަދި ޞިއްޙީ ޚިދުމަތް ދިނުމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޒިންމާތައް އިތުރުވެއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

”ލާމަރުކަޒީ ޤާނޫނު ބުނާ ގޮތުން، ރަށްރަށުގައި އަސާސީ ޚިދުމަތްތައް ފުރިހަމައަށް ދިނުމަކީ ކައުންސިލްތަކުގެ ޒިންމާއެއް. އޭގެ ތެރޭގައި އެބަ ހިމެނޭ، ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތްތަކާއި، ޞިއްޙީ ރައްކާތެރިކަމާ ގުޅޭ އަސާސީ ޚިދުމަތްތައްވެސް. ޢާންމު ޞިއްޙަތާ ގުޅިފައި ހުރި އެހެން ޚިދުމަތްތައް، އާދެ، މަގު ކުނިކަހައި ރަށުތެރެ ސާފުކޮށް ބެލެހެއްޓުން، ރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތައިލުން، ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުން، މިހުރިހާ ކަމަކީވެސް ކައުންސިލްތަކުގެ ޒިންމާތައް،“

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ލާމަރުކަޒީ ނިޒާމަށް މި ބަދަލުތައް މިގެނައީ، ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތް ދިނުމުގެ ސިޔާސަތުގެ ދަށުންކަމުގައެވެ. މިބަދަލުތަކާއެކު ސަރުކާރުން އެދެނީ، ބަލިވުމުގެ ކުރިން، ބަލިތަކުން ދުރުހެލިވެ ރައްކާތެރިވެވޭނެ ޢާންމު ޞިއްޙަތުގެ ރަނގަޅު ނިޒާމެއް، ރަށްރަށުގައި ޤާއިމްކުރުމަށް ކައުންސިލްތަކުން އިސްނަގައިގެން މަސައްކަތްކޮށްދިނުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

”ރަށްރަށުގެ ޢާއްމު ޞިއްޙީ ޚިދުމަތްތެރިން، ޤަވާޢިދުން ގޭގެއަށް ޒިޔާރަތްކޮށް، ވަކިވަކި ފަރުދުންގެ ޙާލުއަހުވާލު ބަލައި، ޞިއްޙީ ގޮތުން ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމަކީ، މިހާރު އަލުން ފަށަންވެފައި އޮތް ކަމެއް. އެކަމަށް ހަރުދަނާ އިންތިޒާމެއް ހަމަޖެއްސުމަށް، ޞިއްޙީ ޚިދުމަތްދޭ އިދާރާތަކަށާއި ކައުންސިލްތަކަށް އަޅުގަނޑު އިލްތިމާސްކުރަން.”

އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި، ޞިއްޙީ ޚިދުމަތް ލިބިގަތުމުގަޔާއި ޚިދުމަތް ދިނުމުގައި އަދި ޚިދުމަތާ ދޭތެރޭ ވެސް، މުޅިން އާ ވިސްނުންތަކެއް ގެންގުޅޭކަމަށާއި، އޭގެ އެއް ވިސްނުމަކީ ޖުމްލަ ގޮތެއްގައި ޚިދުމަތް ދެވޭނެ ނިޒާމެއް ރޭވުންކަމުގައެވެ.

”ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަކީ އެވިސްނުމުގައި ކުރާ ކަމެއް. މިއަތޮޅު ގަމުގައި ހުރި އަތޮޅު ހޮސްޕިޓަލް، ޓާޝަރީ ހޮސްޕިޓަލަކަށް ތަރައްޤީކުރުމުގެ މަސައްކަތް އެ އަންނަނީ ކުރަމުން. އޭރުން، އެމް.އާރް.އައިގެ ޚިދުމަތާއި ސީ.ޓީ ސްކޭންގެ ޚިދުމަތާއި، އެކްސްރޭގެ އިތުރުން، ބަލިބަލީގެ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތްވެސް ލިބެން ފަށާނެ.”

މީގެ އިތުރުންވެސް ޚިދުމަތް ހޯދުމަށްޓަކައި ބަލިމީހާ އުފުލަންޖެހޭ ތަކުލީފުތައް ވީވަރަކުން ކުޑަކުރުމަކީ، ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއްކަމުގައި ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި މޯބައިލް ލެބޯޓެރީގެ ޚިދުމަތް ލ. އަތޮޅުގައި ތަޢާރަފްކޮށް ރަށްރަށުން ބަލިމީހުންގެ ސާމްޕަލް ނަގައިގެން، ލެބޯޓެރީ ހުންނަ ރަށަށް ގެންގޮސް، ލެބޯޓެރީގައި ތަޙުލީލުކޮށް، ބަލިމީހާއަށް އޭގެ ނަތީޖާ ފޯރުކޮށްދިނުމުގެ ޚިދުމަތް ކާމިޔާބުކަމާއެކީ ކުރިޔަށްގެންދާކަމުގައެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަލިތަކާމެދު ޢާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: