ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޔަރު އާދަމް ޢާޒިމް ‏މަޤާމުގެ ނުފޫޒުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައިގެން ގަސްތުގައިދަނީ އިޙުމާލުވަމުން: އަރީޝް

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް އޭނާގެ މަޤާމުގެ ނުފޫޒު ނާޖާއިޒް ގޮތުގައި ބޭނުންކުރައްވައި، ރައްޔިތުންގެ ލާބައަށް ހުރި ކަންކަމުގައި ގަސްތުގައި އިހުމާލުވަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ތުހުމަތު ކުރައްވައިފިއެވެ.

އަރީޝް މިހެން ވިދާޅުވީ މިއަދު ބޭއްވުމަށް އެޖެންޑާކުރި މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޢާއްމު ޖަލްސާ، ކޯރަމް ހަމަވެފައި އޮއްވާ ކޯރަމް ހަމަނުވާ ކަމަށް ބުނެ މޭޔަރު ކެންސަލް ކުރެއްވުމާ ގުޅިގެންނެވެ.

އަރީޝް ފާހަގަކުރެއްވި ގޮތުގައި މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާތައް އާންމުކޮށް ބާއްވަނީ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހުއެވެ. ނަމަވެސް، 4 ވަނަ ދައުރުގެ 234 ވަނަ ޖަލްސާ ކުއްލިއަކަށް އަންގާރަ ދުވަހަށް އެޖެންޑާ ކުރީ ކައުންސިލަރުންގެ ބޮލުގައި ކޯރަމް ހަމަނުވުމުގެ އިލްޒާމު އެޅުވުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދުގެ ޖަލްސާއަށް މޭޔަރާއެކު ޖުމްލަ 10 ކައުންސިލަރުން ގަޑިއަށް ހާޒިރުވެފައި ތިއްބެވި ކަމަށްވެސް އަރީޝް ވިދާޅުވިއެވެ.

ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ތެރޭގައި މޭޔަރު އާދަމް ޢާޒިމް، ޑެޕިއުޓީ މޭޔަރު އަރީޝް، ކައުންސިލަރުން ކަމަށްވާ އައިމަން، ނަހުލާ، ރީހާން، ސައީދާ، ސައިފް، ރިޝްފާ، ނިޒާމް އަދި މަރިޔަމް ނާޒިމާ ހިމެނެއެވެ. މިހާ ގިނަ މެންބަރުން ހާޒިރުވެ ތިއްބާ، ޚުދުމުޚުތާރު ގޮތަކަށް ޖަލްސާ ކެންސަލް ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ ސިނަމާލެ ފްލެޓްތަކުގެ ޖޫރިމަނާ މައާފްކޮށްދިނުމުގެ މައްސަލައެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެކަން ތަންފީޒު ކުރުމަށް ސިޓީ ކައުންސިލަށް އަންގަވާފައިވާ ކަމެކެވެ. އަދި މިދިޔަ ހޯމަ ދުވަހު ރައީސް ވަނީ ފްލެޓްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެކަން ހަމަޖެހިފައިވާކަން އަންގަވާފައެވެ. މިގޮތަށް ނިމިފައިވާ ކަމެއް އަލުން ޖަލްސާއަށް އެޖެންޑާ ކުރި ސަބަބާ މެދުވެސް އަރީޝް ސުވާލު އުފެއްދެވިއެވެ.

”މުޅީންވެސް މި ފެންނަނީ ކައުންސިލަރުންގެ ބަހެއް އެހުމަކާ ނުލައި އަމިއްލަ އެދުންތައް ހާޞިލްކުރުމަށް ކަންކަން ރާވާ، އަދި ޤާނޫނާ ޚިލާފަށް ޖަލްސާތައް ކެންސަލްކޮށް، މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނާ، އެ ރައްޔިތުން އިންތިޚާބުކުރި ކައުންސިލަރުންގެ ޙައްގުތަކަށް މޭޔަރު އާދަމް ޢާޒިމް އަރައިގަންނަ މަންޒަރު،“ އަރީޝް ވިދާޅުވިއެވެ.

މި މައްސަލައިގައި މޭޔަރުގެ ފަރާތުން ރަސްމީ ބަހެއް އަދި ލިބިފައި ނުވާއިރު، ކައުންސިލްގެ ތެރޭގައި އުފެދިފައިވާ މި ނުތަނަވަސްކަމުގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ބުރޫއަރަމުންދާ ކަމުގެ ކަންބޮޑުވުން ބައެއް ކައުންސިލަރުން ފާޅުކުރައްވަމުން ގެންދަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: