މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ގެންގުޅޭ ”ރަންދިހަފަހެއް“ ނޫޓު ސީރީޒްގެ 20 ރުފިޔާ އާއި 100 ރުފިޔާގެ އަލަށް ގެނައި ނޫޓުތައް ބާޒާރަށް ނެރެ، މިއަދު ދައުރުކުރަން ފަށައިފިއެވެ.
މިއީ އިޤްތިސާދުގައި އަލަށް އުފެދޭ ޑިމާންޑަށާއި، ބައުވެ ހަލާކުވެފައިވާ ނޫޓުތައް އައުކުރުމަށްޓަކައި ނެރުނު އައު ބެޗެއް ކަމަށް މަރުކަޒީ ބޭންކުން ހާމަކުރެއެވެ.
މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، މިއަދު ދައުރުކުރަން ފެށި ނޫޓުތަކުގެ ތެރޭގައި ހިމެނެނީ މިއަހަރުގެ ފެބުރުވަރީ 2 ގައި އެ އޮތޯރިޓީއަށް ލިބުނު 100 ރުފިޔާގެ ނޫޓުތަކާއި، ފެބުރުވަރީ 15 ގައި ލިބުނު 20 ރުފިޔާގެ ނޫޓުތަކެވެ. މި ނޫޓުތައް ބާޒާރަށް ނެރުމުގެ މައިގަނޑު މަގުސަދަކީ އިގްތިސާދުގެ ތެރޭގައި ނަގުދު ފައިސާ ދައުރުކުރުމުގައި ދަތިކަމެއް ނެތި، ބޭނުންވާ މިންވަރަށް ފައިސާ ފޯރުކޮށްދިނުމެވެ.
މި ފަހަރު ނެރުނު 20 ރުފިޔާގެ ނޫޓުގެ ފަރުމާއަށް ވަނީ މުހިންމު ބަދަލެއް ގެނެސްފައެވެ. އެގޮތުން 20 ރުފިޔާގެ މި އައު ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން އަލަށް ވަނީ ހިމަނާފައެވެ. މި ނިޝާން ހިމަނާފައިވަނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކުގައެވެ. މީގެ އިތުރުން، 100 ރުފިޔާގެ މި އައު ޗާޕުގައިވެސް ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެއެވެ.
އެމް.އެމް.އޭ އިން މައުލޫމާތު ދޭ ގޮތުގައި އަލަށް ނެރުނު މި ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. މި ނޫޓުތަކުގައިވާ ތާރީޚަކީ 31 ޖުލައި 2025 (6 ސަފަރު 1447) އެވެ. ސްޓޮކް މަދުވުމުން އާ ނޫޓުތައް ނެރުމަކީ ފައިސާ ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން އާންމުކޮށް ކުރަމުންދާ ކަމެއްކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.
އަލަށް ނެރުނު ނޫޓުތަކާއެކު، މިހާރު ދައުރުވަމުންދާ 20 ރުފިޔާ އާއި 100 ރުފިޔާގެ ކުރީގެ ހުރިހާ ނޫޓުތަކަކީވެސް ސައްހަ، ބޭނުންކުރެވޭނެ ފައިސާގެ ގޮތުގައި ދެމިއޮންނާނެ ކަމަށް އެމް.އެމް.އޭ އިން ބުނެއެވެ. މަރުކަޒީ ބޭންކުން އިތުރަށް ބުނީ، އާންމުންގެ ބޭނުންތަކާ އެއްވަރަށް ފައިސާ ފޯރުކޮށްދީ، ދިވެހި ފައިސާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

