ސިޔާސީ ގޮތުން ދިވެހި ރާއްޖެ މިނިވަންވެ އައްޑޫސިޓީއިން، އިނގިރޭސީން ފޭބީއްސުރެ މިހާ ހިސާބަށްވެސް އައްޑޫއަށް ހައްގު މިންވަރު ހޯދާ ދެވިފައި ނުވާކަމަށް، އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގު ( ސޯބެ) ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ، އައްޑޫގެ ތަރައްޤީއާއި ގުޅޭގޮތުން، ސަންގުޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އެ ޕްރޮގްރާމްގައި އޭނާ ވާހަކަދެއްކެވީ އައްޑޫ ބަހުންނެވެ.
އޭނާ ވިދާޅުވީ އައްޑޫގެ ތަރައްޤީގެ ކަންކަން ހުއްޓޭ އެންމެ ބޮޑު އެއް ސަބަބަކީ އެއް ސަރުކާރުން ކުރާ ކަންކަން އަނެއް ސަރުކާރުން ހުއްޓުވާލުން ނުވަތަ ނައްތާލުން ކަމަށެވެ. އެގޮތުން އެއް ބަޔަކު ފަށާ މަޝްރޫޢުތައް އަނެއް ބަޔަކު އައިސް މަޑުޖައްސާލުމަކީ ޤަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން މިދިޔަ ސަރުކާރުގައި އައްޑޫގެ ރަށްތަކުގެ ބޮޑު މަގުތައް ކޮނުމަށްޓަކާ، އޭގެ ކުރިން އަޅާފައިވާ ތާރުގަނޑު ކަފާލިކަން އޭނާ ފާހަގަކުރެއްވިއެވެ.އެމަގުތައް ކޮނުނު މައިގަނޑު އެއް ސަބަބަކީ ފެނާއި ނަރުދަމާގެ ހޮޅީގެ މަސައްކަތް ކުރުން ކަމަށް ވާއިރު، ކުރިން ޕްލޭން ކުރީ ރަށުގެ ދެ ފަރާތަށް ވާގޮތަށް ހޮޅިއަޅަން ކަމަށް ސޯބެ ވިދާޅުވިއެވެ. އެހެންނަމަވެސް ފަހުން އެ ޕްލޭން ބަދަލުކޮށްލުމުން ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހުނުކަން އޭނާ ފާހަގަކުރެއްވިއެވެ.
ސޯބެ ވަނީ އައްޑޫގެ ތަރައްޤީއަށްޓަކާ ކުރަމުންދާ މަސައްކަތްތަކާއި މެދުގައި ވާހަކަދައްކަވާފައެެވެ. އެގޮތުން އައްޑޫގެ މަގުތައް ހެދުމާއި، ބަނދަރުގެ މަސައްކަތް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
”ބަނދަރަ ތެބެ ވޭއްޖެހެއި، ބަނދަރަކަށް. ހުސްއެކަނި، ވަށައި ތޮށި ލީމެއި ބަނދަރަކަށް ނިވޭހެއް. ބަނދަރަކަށް ވަނި ބޮނޑަށް ބަނދަރަ މައްތައް ތެބެ އޮންނައް ޖެހެއި. އެތަނި މީހުން ގިނާސް އެއްތެތި ވިއްކޭނެ ލެކަކަސް ހިންނަށް ޖެހެއި. ދެން ކުރިން ބައެއް ކަންކަން ހުއްޓިފެއި ހިޝަސް، މިކޯ ފެށިގެން ކުރިއަށް ތެބެއެއި ކުރިއަށް.“
އައްޑޫ އިގްތިސާދީ ގޮތުން ބާރުވެރި ކުރުވުމަކީ އެ ސިޓީ ތަރައްޤީކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއްކަމަށް ސޯބެ ވިދާޅުވިއެވެ. އައްޑޫއަކީ އުފެއްދުންތެރި މަސައްކަތް ކުރާނެ ޝައުގުވެރިކަން ހުރި ބަޔަކު ތިބި ތަނަކަށްވީ ނަމަވެސް އެކަން ކުރާނެ ފުރުސަތު މިހާރު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ތަރައްޤީއަށް އެޅޭ އެންމެ ބޮޑު ހުރަހަކީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ނެތުން ކަމަށް އޭނާ ވިދާޅުވިއެވެ.
”މި ސަރަހައްދަށް އިގްތިސާދަށް ފަށަގަންނަށް ބަލާކަލަކި އަގަ ހެއުކޮށް އެއްތެތި ގިނެވޭއް ތެބެ ޖެހެއި. ކަންކަން ފަށާ ޚިޔާލަ ހިށި ކިތައްމެ ބާކިޔަ ތެބެތިބެތާ. އެކަމަކި ޖެހޭހެއްތާ ފަސޭހަ މަގަށް އޮންނަށް. މިކޯ ރަށަށް އެއްތައް ގިނޭ ކަލަކި އަތުން އެތައް ޚަރަދަށް އެބޭއި. ދެން އެހެންވީމެއި އަގަހެއުކޮށް އެއްތައް ނިވިއްކެއި. ދެން އެނައް ކަމަކީ ދަތެރެ ފަތެރެ ތެބެޖެހެއި ރަނގަޅަވޭއް. އައްޑުއިން މިކޯ އެހެންތަންތާން އޭއް ބަލާކަލަކި ފަސޭހަ ލެކަށް ނެތް. އެހެންމެއި މިކަހަލަ ބައިވަރަކަންކަން ތެބިހިއް ރަނގަޅަ ކެރާއް ޖެހޭ“
ސޯބެއަކީ ފާއިތުވި 3 އަހަރު އައްޑޫގެ މޭޔަރެވެ.
އެެހެންނަމަވެސް މިހާތަނަށް ހުންނެވީ އިދާރީ ކަންކަން ތަންފީޒްކުރައްވާ ފަރާތެއްގެ ގޮތުގައި ކަމަށާ، ސިޓީގެ ތަރައްޤީއަށް މޭޔަރުގެ ހައިސއްޔަތުން ކަންކަން ކުރުމުގެ ބާރެއް ނެތް ކަމަށް ސޯބެ ވިދާޅުވިއެވެ. އެހެންކަމުން އައްޑޫގެ ތަރައްޤީއަށްޓަކާ ރައްޔިތުންގެ މޭޔަރަކަށް ވެވަޑައިގަތުމަކީ އުއްމީދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

