ކުޑަކުދިންގެ ހައްގުތައް ކަށަވަރު ނުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް، ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޖެންޑަރ މިނިސްޓްރީން މިފަދައިން ވިދާޅުވީ އެ ވުޒާރާއިން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ވަނީ ކުޑަކުދިންނަށް ސިއްހީ ނަފްސާނީ، އަދި އެހެނިހެން ގޮތްގޮތުން ލިބެންޖެހޭ ރައްކާތެރިކަން ލިބުމަކީ ލާޒިމްކަމެއްކަމަށެވެ. އެހެންކަމުން ކުޑަކުދިންގެ ހައްގުތައް ކަށަވަރު ނުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.
މީގެ އިތުރުން، މަޑުއްވަރީގައި ހިންގި އޮޕަރޭޝަނުގައި، ޖުމުލަ 9 ގޭބީސީއަކަށް ޒިޔާރަތްކޮށް 18 އަހަރުން ދަށުގެ 20 ކުދިންގެ ހާލަތު ބަލާ، އެ ކުދިންގެ އާއިލާ އާއި މަޝްވަރާކުރުމަށް ފަހު، އެ ކުދިންނަށް ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކުރަން ޖެހޭ ކަންކަން ކޮށްފައިވާ ކަމަށް ޖެންޑަރއިން ވިދާޅުވެއެވެ. އެގޮތުން 4 ކުއްޖަކަށް ވެކްސިން ނުދޭތީ، އާއިލާގެ އެއްބާރުލުމާއި އެކު ވެކްސިން ދީފާއިވާ ކަމަށާ، 1 ކުއްޖަކަށް އާއިލާއިން ރައްކާތެރި މާހައުލެއް ފޯރުކޮށް ނުދެވޭނެ ކަމަށް އެ ވުޒާރާއަށް ފާހަގަކުރެވިގެން، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މިފަދަ މައްސަލަތަކުގައި ޚަބަރު ރިޕޯޓްކުރާ އިރު ކުޑަކުދިންގެ އަބުރާއި އިއްޒަތް ނުގެއްލޭނެ ފަދަ ގޮތަކަށް އަމަލުކުރުމަށް ޖެންޑާއިން އިލްތިމާސްކުރައްވައެވެ. އަދި މިނިސްޓްރީން ކުރާ މަސައްކަތަށް ލިބޭ އެއްބާރުލުމަށްޓަކާ ޝުކުރު އަދާކުރައްވާފައިވެއެވެ.
އެ ރަށުގައި، ފުލުހުންނާއި ސިފައިން ގުޅިގެން ފާސްކޮށްފައި ވާއިރު، މަޑުއްވަރީގެ ބައެއް ގެތައް ފާސްކުރަމުން ދަނީ، ހައްދު ފަހަނަ އަޅާފައިވާ ފިކުރުގެ މީހުން، ކުޑަކުދިންނާއި، އަންހެނުންގެ ހައްޤުތަކުން މަޙުރޫމުކޮށް، އެ ފަރާތްތަކުގެ ނާޖައިޒު ފައިދާ ނަގަމުންދާތީ ކަމަށް ފުލުހުން އެކަމާއި ގުޅިގެން މިއަދު ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

