މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން އަތޮޅުތެރޭގައި ބޭއްވޭ ފުރަތަމަ ފޯރަމް މިރޭ ތ. ދިޔަމިގިލީގައި އޮންނާނެކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިރޭމިފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ 21:30 ގައި ދިޔަމިގިލި ފުޓްސަލް ގްރައުންޑުގައެވެ. މިރޭގެ މައުުލޫއަކީ ”ރަމަޟާން މަހުގެ މާތްކަން“ މިއެވެ. މިރޭގެ ފޯރަމްގައި ތަގުރީރުކުރައްވާނީ އައްޝައިޚް ޢާޒިމް ޚާލިދެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނި ގޮތުގައި މި އަހަރު އަތޮޅު އިޙްޔާ 10 ރަށެއްގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
މިއަހަރުގެ އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ، ތ. ދިޔަމިގިލި، ގދ. މަޑަވެލި، ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދޫގައެވެ.
މި ސިލްސިލާ ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ބަރަކާތްތެރި ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، މިއަހަރުގެ އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން، ހޮވޭ ނަސީބުވެރިންނަށް އަގުހުރި ހާއްސަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވެއެވެ.
މި އަހަރުގެ ރަމަޟާން މަހުގެ އިޙްޔާ ފޯރަމްތައް ފެށީ ރޭގައެވެ. އެގޮތުން ރޭ ބޭއްވި ފުރަތަމަ ފޯރަމްގައި ތަޤްރީރު ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.

