ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ މާފަންނު އުތުރު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ ކެމްޕޭން ޖަގަހަ ރޭ ރަސްމީކޮށް ހުޅުވައިފިއެވެ. މި ޖަގަހަ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޚާއްސަ ޙަފްލާގައި، އެ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުން ވަނީ ތަޢާރަފްކޮށްފައެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރާއި، އިޤްތިސާދީ ތަަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ކޮންގްރެސްގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޕީއެންސީން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ކެމްޕޭން ޖަގަހަތައް ހުޅުވައި، ހަރަކާތްތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން ގިނަ ދާއިރާތަކެއްގައި ޖަގަހަތައް ދަނީ ގާއިމުކުރަމުންނެވެ. މި މަހުގެ 1 ވަނަ ދުވަހު މެދުހެންވޭރު ދާއިރާގެ ޖަގަހަ ހުޅުވާފައިވާއިރު، ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު މާފަންނު ހުޅަނގު ދާއިރާގެ ޖަގަހަ އަދި މި މަހުގެ 11 ވަނަ ދުވަހު މާފަންނު މެދު ދާއިރާގެ ޖަގަހަ ވެސް ވަނީ ހުޅުވާފައެވެ.

މާލޭގެ އިތުރުން، އަތޮޅުތެރޭގެ ބޮޑެތި ސިޓީތަކުގައި ވެސް ޕީއެންސީގެ ކެމްޕޭން ހަރަކާތްތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި ފުވައްމުލަކު ސިޓީ އާއި ތިނަދޫ ސިޓީގައި ވެސް ވަނީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފަށާފައެވެ. މިއީ މުޅި ރާއްޖޭގައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެއް ކަމަށް އެ ޕާޓީން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއެވެ. މި ވަރުގަދަ ސަފުތަކާއެކު، އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ވެސް ކޮންގްރެސް ޕާޓީންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: