ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އައު ވިސްނުމެއް އަދިވެސް ނެތް، ގައުމު ފުނޑާލައި ބެލީ އަމިއްލަ މަންފާ ނެގޭތޯ: ސައީދު

ޕީއެންސީން ބޭއްވި ޖަލްސާގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ސަރުކާރުތަކުން ވައުދުތައް ވުމަށްފަހު، ރައްޔިތުން އެކަންކަން ހަނދާން ނެތޭނެކަމަށް ބަލައި ކަންކަން އޮޅުވާލި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކަން ބަދަލު ކުރައްވާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން، މާފަންނު އުތުރުގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ މީގެ ކުރީގެ ވެރިކަންތަކާ ހިލާފަށް، ރައީސް މުއިއްޒު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފޮތެއްގައި ޕްރިންޓުކޮށް، ކައުންސިލްތަކާއި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

މީގެ ބޭނުމަކީ ރައްޔިތުންގެ ކުރިމަތީގައި ޒިންމާދާރުވެ، ވެފައިވާ ވައުދުތަކާއި ހިލާފު ނުވެ ކުރިޔަށް ދިއުންކަމަށް ސައީދު ވިދާޅުވި އެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިިކަމުގައި ފެނުނު އެންމެ އާންމު މަންޒަރަކީ ރައްޔިތުންނަށް ވައުދެއް ވުމަށްފަހު، ވަކި މުއްދަތެއް ފާއިތުވުމުން ދެން އެ ވާހަކަ ދެއްކުން ހުއްޓާލުންކަމަށް ސައީދު ވިދާޅުވި އެވެ. އެގޮތަށް ކަންކަން ކުރަނީ ރައްޔިތުން އެ ވައުދެއްގެ މަތީން ހަނދާން ނެތޭނެކަމަށް ބަލައިގެންކަމަށް ސައީދު ވިދާޅުވި އެވެ. އަދި އެމްޑީޕީން އާދައިގެ މަތީން ޕާޓީން ހިންގަމުން ދިޔަ ކޮރަޕްޝަނާއި، އަމިއްލަ މަންފާ ނެގުން ތަކުރާރު ކުރަމުން ދިޔަކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.

ސައީދު ވިދާޅުވީ މިއަދު އެ ހާލަތު ބަދަލުވެފައިވާކަމަށާއި، ރައްޔިތުންނަށްވީ ކޮންކޮން ވައުދުތަކެއްކަން ނޭނގިގެން އުޅެން ނުޖެހޭކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރު ދެއްކެވި ވާހަކަފުޅު ވެސް ފެންނަން ހުންނާނެކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒަށް، ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ދީފައި ވަނީ މި ޒިންމާދާރު ވިސްނުމަށް އިތުބާރު ކުރާތީ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް ރައްޔިތުން ވޯޓު ދޭންވީ ސަބަބަކީ ރައީސްގެ ތަސައްވަރަށް އިތުރު ”އެންޑޯސްމެންޓެއް“ ހޯދުމަށްކަމަށް ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުކިއުން އަމާޒު ކުރައްވައި ސައީދު ވިދާޅުވީ، ފަސް އަހަރު ނިމިގެން ދިޔައިރު ޑިމޮކްރެޓިކް ނިޒާމަށާއި، ލޯކަލް ގަވަމަންޓް ނިޒާމަށާއި، ގައުމުގެ އިޖުތިމާއީ މިންގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް ގައުމުގެ އިގުތިސާދު އޮތީ ބޮޑު ވަޅުގަނޑަކަށް ވައްޓާލާފައިކަމަށް ސައީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ގައުމުގެ މާލީ ހާލަތު އެއްކޮށް ހަލާކުކޮށްލައި، ސޮވަރިން ފަންޑުގަ ހުރި 200 މިލިއަން ޑޮލަރު، 2 މިލިއަން ޑޮލަރަށް ކުޑަކޮށްލި ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ދައުލަތުގެ ރިޒާވް އޮތީ އެންމެ 15 ދުވަހުގެ ކާބޯތަކެތި ގަނެވޭނެ މިންވަރަށް ހުސްވެފައެވެ. ނަމަވެސް މިއަދު މާތްالله ގެ ރަހުމަތާއެކު އެ ރިޒާވް 1.1 ބިލިއަން ޑޮލަރަށް އުފުލިފައިވާކަމަށް ސައީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކާއި ގުޅޭގޮތުން ސައީދު ވިދާޅުވީ، މިއަދު ވެސް ޕާޓީން އައު ވާހަކައެއް ދައްކައި ރައްޔިތުންނަށް ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތް ކުރާތަން ނުފެންނަ ކަމަށެވެ. އަދި ވިދާޅުވީ އިންތިހާބުތައް ކާމިޔާބުކޮށް ދިނުމަށް އެ ޕާޓީން ތަކުރާރުކޮށް އެދެމުން ދިޔަ ނަމަވެސް ފެންނަނީ ކުރީގެ ކަންކަން ތަކުރާރުވާ މަންޒަރު ކަމަށެވެ. އަދި ކެމްޕެއިންގެ މިހާތަނަށް ވެސް، އެމްޑީޕީއަށް ރަނގަޅު ޖަލްސާއެއް ބޭއްވި، އާ ގޮތްތަކެއް ރައްޔިތުންނަށް ކިޔައިދެވިފައި ނުވާކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: