ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން ބަނދަރު ސަރަހައްދުގެ ސެގްމެންޓު ނިމިފައި ވާތީ ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުތައް މާލޭ ނޯތު ހާބަރުގެ ”އޭ ޒޯން“ އަށް ބަދަލުކުރަން ފަށާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލްއިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމް.އެމް.އޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުތައް، މިހާރު ވަނީ އަލުން މާލޭ ނޯތު ހާބަރުގެ އޭ ޒޯން (ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑު) އަށް ބަނދަރުކުރަން ފަށާފައި ކަމަށެވެ.
މީގެ އިތުރުން، މާލޭ ނޯތު ހާބަރުގެ ޓީމުން މިހާރު މަސައްކަތް ކުރަމުންދަނީ މީގެ ކުރިން ”އޭ ޒޯން“ އިން ލިބެން ނެތް ކަރަންޓާއި ފެނުގެ ޚިދުމަތް އެ ސަރަހައްދުން ފޯރުކޮށްދިނުމަށް ކަމަށްވެސް އެމްޕީއެލްއިން ވަނީ ބުނެފައެވެ.
ނޯތު ހާބަރުގެ ޚިދުމަތް އަލުން ފެށިއިރު ގެނެވުނު އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އައު ފައްތިއްޔާތައް ބޭނުންކުރަން ފެށުން ކަމަށްވެސް އެމްޕީއެލްއިން ވަނީ ބުނެފައެވެ.
އެމްޕީއެލްއިން ބުނެފައި ވަނީ މި ބަދަލާއެކު، އެ ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ހަމައެއާއެކު، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނޯތު ހާބަރުގެ ”ބީ ޒޯން“ (ހުޅަނގު ފަރާތު ތޮށިގަނޑު) އަށް އުޅަނދުތައް ބަދަލުކުރުމަށް މިހާރު މަސައްކަތްކުރަމުން ދާކަމަށް ވެސް ވަނީ ބުނެފައެވެ.

