ސުލޫކީ މައްސަލަތަކެއް ބަލަމުންދާތީ ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން އައްޔަން ކުރުން މަޑު ޖައްސާލައިފި އެވެ.
ޖޭއެސްސީއަށް އަމިއްލަ ފަރާތަކުން ވަނީ ހަ ކަމެއް ފާހަގަކޮށް ފާއިޒުއާ ގުޅޭ ސުލޫކީ މައްސަލައެއް ހުށަހަޅާފަ އެވެ. އެކަމާ ގުޅިގެން މިއަދު ބޭއްވި ޖޭއެސްސީގައި މަޝްވަރާ ކުރުމަށްފަހު ނިންމާފައިވަނީ ފާއިޒުއާ ގުޅޭ ގޮތުން ރައީސްއަށް ލަފާ އެރުވުން މަޑުޖައްސާލާށެވެ.
ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން އައްޔަން ކުރުމާ ގުޅޭ ގޮތުން ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގަތީ މިމަހުގެ 17ވަނަ ދުވަހެވެ.
ގާނޫނު އަސާސީގައި ބުނާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފާގެ މަތިން މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުން އެ ނަމަކަށް ރުހުން ދިނުމުންނެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި ބަދަލާއި އެކު ސުޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރަކު ތިއްބަވަން ޖެހޭނެއެވެ.
ފާއިޒް ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ފާސްކޮށްފިނަމަ ކޯޓަށް ހަ ފަނޑިޔާރުން ހަމަވީއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުންނެވެ. އަދި އޭގެ ފަހުން ފަނޑިޔާރު ޣަނީވެސް ވަނީ މަޤާމުން ވަކޮިކޮށްފައެެވެ.
އެއަށްފަހު އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް މުއުތަސިމް އަދުނާނާއި ހުސްނުއްސުއޫދު ވަނީ އައްޔަންކޮށްފައެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަމޑިޔާރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ފަނޑިޔާރު ސުޢޫދުއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ފާޒިޒު އައްޔަން ކުރުމަށް ޖޭއެސްސީގެ ލަފައަކަށް އެދިފައިވާކަން ހާމަކުރައްވާ ރައީސް ސޯލިހް ވަނީ ޓްވީޓު ކުރައްވާފައެވެ. ފާއިޒަކީ އިންތިޤާލީ ސުޕްރީމް ކޯޓަށްފަހު ، ފުރަތަމަ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރެެއްވި ބޭފުޅާއެވެ.
އެހެން ނަމަވެސް، ފާއިޒްގެ މަގާމު ގެއްލިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު މަދު ކުރާގޮތަށް ގާނޫނަށް މަޖިލީހުން ގެނައި ބަދަލާއި ގުޅިގެންނެވެ.
އޭރު ފާއިޒް އާއި އެކު ފަނޑިޔާރުކަން މިހާރު އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކޮށްފައިވާ މުއުތަސިމް އަދުނާނުގެ މަޤާމުވެސް ގެއްލުނެވެ.

