ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ވެރިންނަށް ތިބީ މާގިނައިން އޮޅޭ ބައެއް ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވީ ރިސޯޓް މުވައްޒަފުންނަށް ދޭ ސާވިސްޗާޛާ ގުޅޭ ގޮތުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ދެއްކެވި ވާހަކަފުޅު މީޑިއާތަކުން އޮޅުވާލާފައިވާ ކަމަށް ބުނެ ދެެއްކެވި ވާހަކަފުޅަށް އަލީ ވަހީދު މާޢާފަށް އެދިވަދައިގެންފައި ވަނިކޮށެވެ.
ޑރ ޖަމީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިހާރު ތިއްބެވީ ކަންކަން މާގިނައިން އޮޅޭ ވެރިންތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބު އިދިކޮޅު ޕާޓީތަކަށް ކާމިޔާބު ކުރެވުނީ އިންޑިއާގެ ނުފޫޒުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމަށްފަހު އެއީވެސް އޮޅިގެން ވިދާޅުވެވުނު ވާހަކައަކަށް ހެއްދެވި ކަމަށެވެ. އަދި މިފަހަރު އެކަން މިވީ މިނިސްޓަރަކަށް ކަމަށާ މިއީ އޮޅިގެން ދެއްކޭ ވާހަކަތަކެއްތޯ ސުވާލު އުފެދޭ ކަމަށެވެ.
މީގެއިތުރުން ކަންކަމާ ގުޅޭގޮތުން ދައްކާ ވާހަކަތައް ފަހުން ބަދަލު ކުރަނީ ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެ، ”ހޫނު ފެނަށް“ ވެއްޓުމުން ރާގު ބަދަލު ކުރަން ނޫންތޯ ވިދާޅުވެ ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.
ޖަމީލް މިހެން ވިދާޅުވީ ރާއްޖޭގެ ވިޔަފާރި ކުންފުނިތައް ނުވަތަ ޓްއަރިޒަމަށް އިންވެސްޓް ކޮށްގެން ތިބި ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު ކަމަށާ ބައެއް ފަހަރު ރިސޯޓުން މުވައްޒިފުން ކަނޑާލުމުން އެކަމުގެ ޝަކުވާތައްކޮށް ގިނަ ފަހަރު ޓްވީޓު ކޮށްފައި ވެސް ހުންނަނީ ވަގު އެކައުންޓުތަކުން ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމުން އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އެ ވާހަކަތައް ސާފުކޮށްދީ ޓްއަރިޒަމް މިނިސްޓްރީން ބަޔާން ނެރުމާއި ގުޅިގެންނެވެ.

