ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާނުގެ އެންމެ މަތީ ލީޑަރު ޚާމަނާއީ އަވަހާރަވިކަން އީރާނުން ކަށަވަރުކޮށްދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލާއި އީރާނާއި ދެމެދު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވިކަން އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީތަކުން ކަށަވަރުކޮށްދީފައިވާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.

އީރާނުގެ ތަސްނީމް އަދި ފާސް ނޫސް އޭޖެންސީން މިކަން ކަށަވަރުކޮށްދީފައިވަނީ ހާމަނާއީ އަވަހާރަވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުންދިޔަ ދަނޑިވަޅެއްގައެވެ.

އީރާނުގެ ފާސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާގެ އޮފީހުގައި ”ހަވާލުކޮށްފައިވާ ވާޖިބުތައް އަދާކުރައްވަމުން“ ދަނިކޮށެވެ. މީގެކުރިން އީރާނުން ވަނީ އިސްރާއީލުގެ މި ދައުވާތައް ދޮގުކޮށްފައެވެ. ނަމަވެސް މިހާރު އެ ގައުމުން ވަނީ ރަސްމީކޮށް މިކަން އިއުލާންކޮށްފައެވެ.

ޚާމަނާއީ އަވަހާރަވުމާ ގުޅިގެން އީރާނުގެ ސަރުކާރުން ވަނީ ގައުމީ ހިތާމައިގެ 40 ދުވަހުގެ މުއްދަތެއް އިއުލާންކޮށްފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ހަތް ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ވެސް ވަނީ ކަނޑައަޅާފައެވެ. ރިޕޯޓުތައް ބުނާގޮތުން މި ހަމަލާތަކުގައި ޚާމަނާއީގެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ފިރިކަލުންގެ އިތުރުން ކާފަ ދަރިކަލަކު ވެސް ވަނީ އަވަހާރަވެފައެވެ.

އާޔަތުﷲ އަލީ ޚާމަނާއީ އީރާނުގެ އެންމެ މަތީ ލީޑަރުގެ މަގާމާ ހަވާލުވެވަޑައިގަތީ 1989 ވަނަ އަހަރު، އީރާނުގެ އިސްލާމީ އިންގިލާބުގެ ބާނީ އާޔަތުﷲ ރުހުﷲ ޚުމޭނީ އަވަހާރަވުމާ ގުޅިގެންނެވެ. އޭނާ ވަނީ ވޭތުވެދިޔަ 37 އަހަރު ދުވަހު އީރާނުގެ އެންމެ މަތީ ބާރުގެ ގޮތުގައި ގައުމު ހިންގަވާފައެވެ. ސުޕްރީމް ލީޑަރަކަށް ވުމުގެ ކުރިން 1980 ގެ އަހަރުތަކުގައި އިރާގާއެކު ހިނގި ހަނގުރާމައިގެ ދުވަސްވަރު އޭނާ ވަނީ އީރާނުގެ ރައީސްކަން ވެސް ކުރައްވާފައެވެ.

ޚާމަނާއީއަކީ އީރާނުގެ އަސްކަރީ އަދި ޕެރަމިލިޓަރީ ވަސީލަތްތައް ބައްޓަންކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅާއެވެ. އީރާނުގެ ދުޝްމަނުންނާ ދެކޮޅަށް އެ ގައުމުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމުގައި އޭނާގެ ފިކުރާއި އިރުޝާދު މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. އޭނާ އަވަހާރަވުމަކީ މުޅި މެދުއިރުމަތީގެ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: