އިސްރާއީލާއި އެމެރިކާއިން ދީފާނެ ހަމަލާއަކަށް ބިރު އޮތުމާއެކު، އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފިކަމަށް އީރާނުން އިއުލާންކޮށްފިއެވެ. މިއީ މެދުއިރުމަތިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް، ހާއްސަކޮށް ޔޫރަޕަށް ތެލާއި ގޭސް ބޭރުކުރާ އެންމެ މުހިންމު އެއް މަގެވެ.
އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލާއި އެމެރިކާ ގުޅިގެން އެ ގައުމަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، މިވަގުތު ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ރައްކާތެރި މާހައުލެއް ނެތް ކަމަށެވެ. މީގެ ކުރިން ވެސް އީރާނުން ވަނީ އެމެރިކާއިން ހަމަލާދީފިނަމަ މި ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.
މި ނިންމުން އައިސްފައިވަނީ އީރާނުގެ ވެރިރަށް ތެހެރާނާއި އެހެނިހެން މައި ސިޓީތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން މިނާބް ސިޓީގެ ސްކޫލަކަށް އަމާޒުވި ހަމަލާއެއްގައި ކުޑަކުދިން ހިމެނޭހެން 108 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލުގެ އިތުރުން އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާދީފައެވެ. މީގެ ތެރޭގައި ޤަޠަރު، ބަޙްރައިން، އުރްދުން، ސަޢުދީ ޢަރަބިއްޔާ އަދި ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ) ހިމެނެއެވެ.
އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ މި ހަނގުރާމައިގެ ސަބަބުން ސަރަހައްދުގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މިކަމާ ގުޅިގެން ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދުތައް ވެސް މިހާރު ވަނީ ދަތުރުފަތުރަށް ބަންދުކޮށްފައެވެ.

