މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން، ދެކުނު އިރުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއާލައިންތައް ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން މަޝްވަރާކުރަން ފަށައިފިއެވެ.
މި ފިޔަވަޅަކީ މެދުއިރުމަތީގެ ހާލަތުގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ކުރިމަތިވެދާނެ ބުރޫތަކަށް ހައްލެއް ހޯދުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި، އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކުރިމަތިވެފައިވާ ހާލަތު އެ މިނިސްޓްރީން ވަރަށް ގާތުން ބައްލަމުން ގެންދާ ކަމަށެވެ.
މި ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ މަދަނީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް، ހާއްސަކޮށް ރާއްޖޭގެ އިގްތިސާދާ ގުޅިފައިވާ މެދުއިރުމަތީގެ ދަތުރުތަކަށް އަސަރުކޮށްފާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މި ބަދަލުތަކާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރާ މައިގަނޑު އެއާލައިންތަކާއި، ކަމާ ގުޅޭ ގައުމީ އަދި ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އެންމެ އިސް އަމާޒަކީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެދާނެ ދަތިތައް ވީހާވެސް ކުޑަކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ.
މިހާތަނަށް މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުގެ ޝެޑިއުލްތަކަށް ބަދަލު އައިސްފައިވީ ނަމަވެސް، އެހެނިހެން އެއާލައިންތަކުގެ ދަތުރުތައް އަދިވެސް ކުރިއަށް ދަނީ ތާވަލާ އެއްގޮތަށް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން އޭޝިއާ ސަރަހައްދުގެ އިތުރު އެއާލައިންތަކާއެކު މިހާރު ދަނީ މަޝްވަރާތައް ކުރެވެމުންނެވެ.

