ކުޅުދުއްފުށީގައި 10،000 މީހުންގެ އާބާދީ އާއި އެކު އެ ރަށް ސިޓީއަކަށް ބަދަލު ކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ގާނޫނުގައި ވާ ގޮތުން ނަމަ، 10،000 މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދޭން ޖެހެ އެވެ. މިހާރު ސިޓީއެއްގެ ގޮތުގައި ބަލަނީ މާލެ އާއި އައްޑު އާއި ފުވައްމުލައް އެކަންޏެވެ. ކުޅުދުއްފުށީގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދަށް، ދިހަހާސް މީހުން ހަމަވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ. އެއަށްފަހު ކުޅުދުއްފުށި ސިޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލްއަކަށް ބަދަލު ކުރުމާއި ގުޅޭގޮތުން ރައީސް ސޯލިހް ވިދާޅުވީ އެ ލާމަރުކަޒީ ގާނޫނުގައި އޮންނަ އުސޫލުން ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.
ކުރިޔަށް އޮތީ ލޯކަލް ކައުންސިލް އިންތިހާބު ކަމަށްވުމާއި އެކު އެކަމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ގާނޫނާއި ގަވައިދާއި އެއްގޮތުމުގެ މަތީން ސިޓީ ކައުންސިލްއެއް އިންތިހާބު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން 10،000 އާއި 30،000 އާ ދެމެދުގެ އާބާދީގެ ސިޓީ ކައުންސިލްތަކަށް އިންތިހާބު ކުރާނީ ހަތް ކައުންސިލަރުންނެވެ. އެއީ މުޅި ސިޓީގެ ރައްޔިތުން އިިންތިހާބު ކުރާ ސިޓީގެ މޭޔަރާއި ވަކިވަކި ހަ ދާއިރާއަކުން އިންތިހާބު ކުރާ ހަ ކައުންސިލް މެންބަރުންނެވެ.
އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ކުޅުދުއްފުށި ސިޓީގައި އިންތިހާބު ކުރާ ހަ ދާއިރާ ކަނޑައަޅައި އިއުލާން ކުރަން ޖެހޭނެ އެވެ.

