ދަތުރުކުރަމުންދިޔަ ބޯޓެއްގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކާ ބެހުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު ފަތިހު 5:50 ހާއިރު ސައުތް ސެންޓްރަލް ޕޮލިސް ޑިވިޝަން ( ތ އަތޮޅާއި ލ އަތޮޅު ހިމެނޭ ޑިވިޝަން)ގައި ހިމެނޭ ރަށަކުން ފުރައިގެން މާލެ އައުމަށް ދަތުރުކުރަމުންދިޔަ ބޯޓެއްގައި އިން 18 އަހަރު ނުުފުރޭ އަންހެން ކުޑަކުއްޖަކަށް އެ ބޯޓުގެ ފަޅުވެރިއަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން 44 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމައްސަލަ މިހާރު ތަހުގީގުކުރަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކުޑަކުދިންގެ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން، މައުލޫމާތު ހާމަކުރާއިރު ހާދިސާ ހިނގި ކުއްޖާގެ ނަމާއި އެކުއްޖާގެ ރަށް ހާމަނުކުރާނެ ކަމަށެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަށް މިފަހުން މަދުވެފައިވާކަން ފާހަގަކޮށްލެވއެވެ. އެންމެ ފަހުން ޖެންޑަރ މިނިސްޓްރީއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުން ނިމިދިޔަ ނޮވެންބަރު މަހު ޖިންސީ ހާނިއްކައިގެ 20 މައްސަލަ ވަނީ ހުށަހަޅާފައެވެ.އޭގެ ކުރީ މަހު ޖިންސީ ހާނީއްކައިގެ 24 މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.

