ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓަށް ބެލުމެއްނެތި ކަރުދާހުގައިވާ ރުކަށް ފާހަގަޖެހުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ލ މާވަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމިން މިނިވަން ކުރުމަށް ކުރެވޭނެ އެންމެ ބޮޑު އެއް މަސައްކަތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ޕީޕީއެމްއަށް ކާމިޔާބުކޮށްދިނުން ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލް އިންތިހާބުގައި ތިމާގެ މީހުންނަށް ބެލުމެއްނެތި ޕީޕީއެމްއަށް ވޯޓުދެއްވުމަށް ގޮވާލެއްވިއެވެ.
“ މިފަހަރު ނިކުންނަ ކެންޑިޑޭޓަކަށް ނޫން ތިބޭފުޅުން ބަލަންވީ. އެއީ ތިމާގެ ދަރިއެއްތޯ، ތިމާގެ ދައްތަގެ ދަރިއެއްތޯ، ބޭބެގެ ދަރިއެއްތޯ، އާއިލާ ބޭފުޅެއްތޯ، ދައްތައެއްތޯ ބޭބެއެއްތޯ އެއް ނޫން ބައްލަވަންވީކީ. ބައްލަވަންވީ ކޮން ޓިކެޓެއްގަތޯ ނިކުމެވަޑައިގަތީ. ވޯޓު ކަރުދާސްކޮޅު ބައްލަވާލައްވައިރު ރުކެއް ޖަހާފަ ހުރިއްޔާ ދެން އިތުރު ހިޔާލެއް ކުރައްވާނެ ކަމެއް ނެތް. އިތުރު ފިކުރެއް ކުރައްވާނެ ކަމެއްނެތް. އެ ރުކުގަ ފާހަގަޖެއްސެވީމާ އެއީ ގައުމުގެ ހައްގުގައި ޖެހޭ ފާހަގައެއް“
އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަންއަށް ބާޒެއް ނުވަތަ ސިންގާއެއް ބޭނުންވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށެވެ. ނަމަވެސް ޕީޕީއެމް ޕީއެންސީ ބެލެހެއްޓޭ ވަރުގެ ބާޒާއި ސިންގާ ކޯލިޝަންގައި އެބަ ތިއްބެވި ކަމަށެވެ.
”ރައީސް ޔާމިންއަށްޓަކައި މިއަދު ކޮށްދެވޭނެ އެންމެ ވަރުގަދަ އެއް ކަމަކީ އެމަނިކުފާނަށް ހުކުމް ކުރި ދުވަހުގެ ކުރީ ރޭ ރައްޔިތުންނާޗއި ވާހަކަދައްކަވަމުން އެމަނިކުފާނު ކުރެއްވި އިލްތިމާސް، އެ އިލްތިމާސްއަށް އަމަލުކުރެއްވުން. އެމަނިކުފާނު ވިދާޅުވި. ފަހަރެއްގައި ދިމާވާ ގޮތުންވަގުތީ ގޮތުން އަޅުގަނޑުމެންނާއި ދުވަސްކޮޅަކު ދުރުގައި ހުންނަވަން ޖެހިވަޑައިގެންކަމުގައި ވިޔަސް ޕީޕީއެމް ޕީއެންސީގެ މައްޗަށް މިނިކާ ބާޒުތަކެއް ގަދަވިޔަ ދީގެން ނުވާނެއޭ. އެހެން ވީމާ އަޅުގަނޑުމެން ހަމަގައުމުވެސް މިދެ ޕާޓީގެ ލީޑަޝިޕުން މި ތިބީކީއެއް މި ދެންނެވި ކަހަލަ ބާޒުތަކަށް ފުރުސަތުދޭ ގޮތަކަށް ނޫން. ރައީސް ޔާމިންއަށް އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްދޭކަށް ދުރުން އަންނާނެ މީހަކު ނުހުންނާނެ. މިއަދު ޕީޕީއެމް ޕިއެންސީގައި ތިބި މީހުންނަށްވުރެ ރައީސް ޔާމިންއަށް އިހުލާސްތެރިވާނެ މީހަކުވެސް އަދި ރައީސް ޔާމިްނއަށް ވަފާތެރިވާނެ މީހަކުވެސް އެމަނިކުފާނު ހައްގުގައި މަސައްކަތް ކުރާނެ މީހަކުވެސް ނުހުންނާނެ“
ސިޔާސީ ގޮތުން އަރާނެ އޮޑިއެއް ނެތީމާ ހަބަރު ފަތުރާ ވަސީލަތްތަކަށް އަރާވަޑައިގެން ޕީޕީއެމް ޕީއެންސީއާއި ބެހިވަޑައިނުގަތުމަށް އަބްދުއްްރަހީމް ވަނީ ގޮވާލައްވާފައެވެ. ޕީޕީއެމްގެ ރިޔަސީ ޓިކެޓު ކިތަންމެ ބޭނުންވިޔަސް 2023ގެ ޕީޕީއެމްގެ ރިޔާސީ ތިކެޓު އޮންނާނީ ރައީސް ޔާމިނަށް އަރުވާފައި ކަމަށްވެސް އަބްދުއްރަހީމު ވިދާޅުވިއެވެ.
ޕީޕީއެމް ޕީއެންސީ ބައިބައި ކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ ކަމަށާއި ޚާއްސަކޮށް ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް މިކަން ކުރަން އުޅޭ ކަމަށް ވިދާޅުވެ، އެކަމަށް ސަމާލުވުމަށް އަބްދުއްރަހީމް ވަނީ ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ.

