ނިމިގެން ދިޔަ އަހަރު ނުހައްގުން ރާއްޖޭގައި އެންމެ ބޮޑު އަނިޔާއަކާއި ކުރިމަތިލާ އެ ތަހައްމަލް ކުރައްވަން ޖެހިވަޑައިގަތީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކަމަށް އިދިކޮޅުން ކޮންގްރެސް ކޯލިޝަންގެ މެމްބަރުން ބުނެފިއެވެ.
2020 ވަނަ އަހަރުގެ މަރުހަބާ ދަަންނަވާ ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އަހަރުގެ ފުރަތަމަ ދުވަހުވެސް ގޮވާލާނީ ރައީސް ޔާމީންނަށް ދެމުންގެންދާ އަނިޔާތައް ހުއްޓާލައި މިނިވަން ކުރުމަށް ކަމަށެވެ. ރައީސް ޔާމީނަށް މިދިޔަ އަހަރު ބޮޑު އަނިޔާ އަކާއި ކުރިމަތިލާން ޖެހުނު ކަމަށް ވިދާޅުވެ ޝިޔާމް ވަނީ، އެއީ ނުހައްގުން އެމަނިކުފާނުގެ ތާއީދު ގެއްލުވާލުމަށް ހިންގި އަމަލެއް ކަމަށެވެ.
ޝިޔާމް ވިދާޅުވީ ގައުމު ދަތުރުކުރަމުންދާ މިސްރާބާ ދޭތެރޭ ”އަމިއްލަ އެދުމެއް“ ނެތި ވިސްނާ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ. އަދި އެމަނިކުފާނު މި ގައުމަށް ވޭތުވެ ދިޔަ އަހަރުތަކުގައި ގެނެސްދެއްވި ތަރައްގީގެ ސަބަބުންވެސް މި ގައުމުން ބޭނުންވަނީ ވަނީ ރައީސް ޔާމީންގެ ވިސްނުމާއި ފިކުރުކަން ކަމަށެވެ. އަދި ރައީސް ޔަމީން ނޫން އިތުރު އެއްވެސް ވިސްނުމެއް އިދިކޮޅުން ނުގެންގުޅޭނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ނިމިދިޔަ އަހަރަކީ ރާއްޖެއަށް އިގްތިސޯދީގޮތުން އެތައް ގެއްލުމެއް ލިބުނު އަހަރެއް ކަމަށެވެ. އަދި ދިވެހި ރާއްޖެ އެތައް ގޮތަކުން 2019 ވަނަ އަހަރު އަަޅުވެތިވެގެން ދިޔަ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
ނިމިގެން ދިޔައީ ބަނަ އަހަރެއްގެ ގޮތުގައި ސިފަ ކުރައްވާ ސައީދު ވިދާޅުވީ، 2019 ގައި ރާއްޖެ އިގްތިސާދީ، އިޖްތިމާއީ އަދި ގައުމީ ތަރައްގީގެ ގޮތުން އެތައް ފިޔަވަޅެއް ފަހަތަށް ޖެހުނު ކަމަށެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށް ބުނެ، އިދިކޮޅުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އިދިކޮޅުން ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ ސިޔާސީ ހަރަކާތްތައް ބާއްވަމުން ދާއިރު، ކުރިޔަށް އޮތް ކައުންސިލް އިންތިހާބަށް ޕާޓީގެ ފަރާތުން މިހާރު ދަނީ ރާއްޖޭގެ ރަށްތަކަށް ދަތުރުކުރަމުންނެވެ. އިދިކޮޅުން ވަނީ ލޯކަލް ކައުންސިލް އިންތިހާބު އިދިކޮޅަށް ދިނުމަށް އެދިފަައެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް މި ފަސް އަހަރުގެ ތެރޭގައި ލިބޭނެ ހަމައެކަނި ފުރުސަތަކީ ވެސް އެއީކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ފަސް އަހަރުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މީރާއަށް ދައްކަން ވެސް ހުކުމް ކޮށްފައިވެ އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ހުށަހަޅާފައެވެ.

