ދައުލަތުގެ ހަރަދުތައް މެނޭޖް ކުރުމަށްޓަކައި 2019 ވަނަ އަހަރުގެ ނިޔަލަށް 4.3 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާއްމު ކުރާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދާއްކާގޮތުގައި، ޑިސެމްބަރު މަހުގެ އެންމެ ފަހު ހަފްތާއާއި ހަމައަށް ދިވެހި ރުފިޔާއިން ޓީބިލް ވިއްކި އަަދަދު 2 ބިލިއަނާއި ގާތް ކުރެއެވެ. ނޮވެމްބަރު މަސް ނިމުނުއިރު މިއަދަދު ހުރީ 1.2 ބިލިއަން ރުފިޔާގައެވެ. އެހެން ކަމުން، ޑިސެމްބަރު މަހު އެކަނުވެސް ސަރުކާރުގެ ހަރަދުތަކަށް ފައިސާ ހޯދުމަށްޓަކާ 734 މިލިއަންގެ ޓީބިލް ވަނީ ވިއްކާފައެވެ. މިއީ އެންމެ މަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ޓީބިލް ވިއްކި މަހަށް ވާނެއެވެ. ފިނޭސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި ޓީބިލް ޑޮލަރުން ވިއްކިވަރު 150 މިލިއަންއަށް އަރައެވެ. އެއީ ދިވެހި ފައިސާއިން ބަލާނަމަ 2.3 ބިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ތިން އަހަރުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި 2.6 ބިލިއަން ރުފިޔާ ރައްކާ ކުރެވިފައިވާ ކަމަށް ފިނޭސް މިނިސްޓްރީން ވަނީ ބުނެފައެވެ. ހިސާބުތަކުގައި ވާގޮތުން 2019 ވަނަ އަހަރު އެސްޑީއެފްއަށް 1.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި 2018 ވަނަ އަހަރު އެސްޑީއެފްއަށް 1.2 މިލިއަން ވަނީ ލިބިފައެވެ.
ސޮވެރިން ފަންޑަކީ ސަރުކާރުން ނަގާ ލޯނުތައް ދެއްކުމަށް ފަސޭހަ ކުރުމުގެ ގޮތުން 2016 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމިން އެމްއެމްއޭއާއި ހަވާލުކޮށް އުފެއްދެވި ފަންޑެކެވެ. އެ ފަންޑަށް ޖަމާކުރަނީ، އެއާޕޯޓް ޑިވަލޮޕްމަންޓް ފީގެ ގޮތުގައި ލިބޭ ފައިސާ އަދި އެމްއޭސީއެލް އިން ލިބޭ ޑިވިޑެންޓްސްއެވެ.
އެސްޑީއެފްއާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ފަނޑުގައި 96.3 މިލިއަން ޑޮލަރު ކަމަށެވެ.
ފިނޭންސް މިނިސްޓްރީން އަންނަނީ އެސްޑީއެފް ހަރުދަނާކުރުމުގެ ގޮތުން ބިލެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުންނެވެ. ފިނޭންސް އިން ބުނެފައިވަނީ އިންޑިއާ ސަރުކާރުގެ އެއިޑް ޕެކޭޖުގެ ތެރޭގައި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް ހިމެނޭ ކަމަށާއި އެ ބޭނުންކުރާނީ ސަރުކާރުން ހިންގާ ބޮޑެތި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ޕްރޮޕޯސަލް ހުށަހަޅައިގެންނެވެ.
މީގެ އިތުރުން މީގެ އިތުރުން 200 މިލިއަން ޑޮލަރުގެ ގްރާންޓް އެހީ ލިބިފައިވާ އިރު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީއެއް އިންޑިއާގެ ރިޒާވް ބޭންކާއި އެކު އެމްއެމްއޭ އިން ވަނީ ގާއިމްކޮށްފައެވެ.

