މިރޭ ބ. ދޮންފަނު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓެއްގައި ޑިންގީއިން ގެއްލުނު އެކަކު އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ނޫސްވެރިންނަށް މިރޭ ވިދާޅުވީ ބ. ދޮންފަނާއި، ބ. ހަނިފަރާ ދެމެދުން ދަތުރުކުރަމުންދިޔަ ލޯންޗަކާއި، ޑިންގީއެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި ޑިންގީގައި ތިބި 3 މީހުންގެ ތެރެއިން އެކަކު ގެއްލިފައިވާތީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ އެ ހާދިސާ ހިނގާފައިވަނީ މިރޭ 07:07 ހާއިރު ކަމަށެވެ. އަދި ޑިންގީއިން ދަތުރުކުރީ ތިން މީހެއްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ފެނިފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނަކާއި، 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ގެއްލިގެން ހޯދަމުންދަނީ އުމުރުން 41 އަހަރުގެ ބ. އޭދަފުށީ މުޝްތަރީގޭ ނަސްރުﷲ އަބްދުﷲ އެވެ.
އެމްއެންޑީއެފުން ބުނީ ނަސްރުﷲ ހޯދުމުގެ މަސައްކަތުގައި މިހާރު 15 އުޅަނދު ހަރަކާތްތެެރިވަމުންދާ ކަމަށެވެ. އޭގެ އިތުރުން ނައިޓް ވިޝަން ކެމެރާ ވެސް ބޭނުން ކުރަމުންދާ ކަމަށެވެ.
ޑިންގީގައި ހުރި ތަކެތި ކަމަށް ބެލެވޭ ބައެއް ތަކެތި ކަނޑުމަތިން ފެންނަމުންދާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ނަސްރުﷲ ހޯދުމަށް ފުލުހުންނާއި އެމްއެންޑީއެފް އަދި އާއްމުންދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ އަތޮޅާއި ކައިރި ރިސޯޓުތަކުގެ ޑައިވަރުން ވެސް ދަނީ ނަސްރުﷲ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
https://twitter.com/PoliceMv/status/1212752249086103553?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1212752249086103553&ref_url=https%3A%2F%2Favas.mv%2F75836

