ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމެރީގައި ވާދަ ކުރުމަށް ހުށަހަޅާ ފޯމު ހުކުރު ދުވަހު ވެސް ބަލައިގަންނަމުން ދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީޕީން ވަނީ ކައުންސިލް އިންތިހާބުގެ ރަށުކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިހާބުގައި ޕާޓީ ޓިކެޓު ހޯދުމަށް ވާދަކުރާ ކެންޑިޑޭޓުން އިންތިހާބު ކުރުމަށް ބާއްވާ ޕްރައިމަރީއަށް ފުރުސަތު ހުޅުވާލާފައެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރުމަށް އެ ޕާޓީތަކުން ވަނީ ހުޅުވާލާފައެވެ. އިލެކްޝަންސް ކޮމިޝަނުން، ރަސްމީކޮށް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަދި ހުޅުވައެއް ނުލައެވެ. އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި އީސީން ހާމަަކޮށްފައިވަނީ އޭޕްރިލް މަހުގެ 7 ވަނަ ދުވަހެވެ.
ކައުންސިލް އިންތިހާބަށް އެމްޑީޕީން ވެސް ގިނަ ތައްޔާރީތަކެއް ވަމުން އަންނައިރު، ޕާޓީގެ ވެބްސައިޓުގައި ޕްރައިމެރީއާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް ބުނެފައިވަނީ ޕްރައިމެރީގައި ވާދަ ކުރުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އެމްޑީޕީން ވަނީ، ކެނޑިޑޭޓުންގެ ލިސްޓު ޖެނުއަރީ 13 ގައި އިއުލާނު ކުރާނެކަން ފާހަގަކޮށްފައެވެ.
އެމްޑީޕީގެ ބަޔާނުގައި ވާގޮތުން ކައުންސިލް އިންތިހާބަށް ވާދަކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ޕްރައިމެރީ ވޯޓުގައި، ވޯޓު ލެވޭ ފަރާތްތަކުގެ ލިސްޓު ޖެނުއަރީ 7 ގައި އިއުލާނު ކުރާނެއެވެ. އެއަށްފަހު ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމަށާއި، ފައިނަލް ވޯޓާސް ލިސްޓު އާއްމު ކުރާނީ ޖެނުއަރީ މަހުގެ 15 ގައި ކަމަށެވެ.
ކައުންސިލް އިންތިހާބުގައި، ވާދަ ކުރާ ފަރާތައް ވަނީ ދާއިރާގެ ކެމްޕެއިން ފަށާފައެވެ.
އެމްޑީޕީން މިދިޔަ ނޮވެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ އެމްޑީޕީގައި ރަޖިސްޓްރީގައި 87،439 މީހުން އެބަތިބި ކަމަށެވެ. އެ އެންމެންނަކީ ވެސް ވޯޓު ލިބުނުމުގެ ހައްގު ލިބިގެންވާ މީހުންކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

