ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައިސީނާ ޑައިލޮގް 2026 އިންޑިއާގައި: މަޝްވަރާތަކުގެ އަމާޒު އޭއައި އާއި ސަލާމަތީ ރައްކާތެރިކަމަށް!

ރައިސީނާ ޑައިލޮގް 2026 ފެށުމުގެ ރަސްމިއްޔާތުގެ ތެރެެއިން: ފޮޓޯ: ޑީޑީ ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ސަލާމަތީ ރައްކާތެރިކަމާ ގުޅޭ މުހިންމު މަޝްވަރާތަކަށް އަމާޒުކޮށް ”ރައިސީނާ ޑައިލޮގް 2026“ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ފަށައިފި އެވެ.

ބުރާސްފަތި ދުވަހު ފެށި ”ރައިސީނާ ޑައިލޮގް“ އަކީ ދުނިޔޭގެ ލީޑަރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ޓެކްނޮލޮޖީގެ މާހިރުން އެއްތަންވެ، ބައިނަލްއަގުވާމީ ސިޔާސީ އަދި އިގްތިސާދީ މުސްތަގުބަލާ ބެހޭގޮތުން މަޝްވަރާކުރާ މުހިންމު ފޯރަމެކެވެ. މިއަހަރުގެ މި ބައްދަލުވުން ކުރިއަށްދާނީ ”ސަމްސްކާރާ“ މި ޝިއާރުގެ ދަށުންނެވެ.

އޮބްޒާވަރ ރިސާޗް ފައުންޑޭޝަން އާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް ގުޅިގެން މާޗު 5 އިން 7 އަށް ކުރިޔަށް ގެންދާ މި ކޮންފަރެންސްގައި، ޓެކްނޮލޮޖީއަށް އަންނަ ބޮޑެތި ބަދަލުތަކާއި، ގައުމުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމާއި، އިގްތިސާދީ ރައްކާތެރިކަމުގެ ސަބަބުން ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކަށް މަޝްވަރާކޮށް އަލިއަޅުވާލެވޭނެ އެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި އިއްޒަތްތެރިންގެ ތެރޭގައި މޯލްޓާގެ ފޮރިން މިނިސްޓަރ އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އިއާން ބޯރގް، ބޫޓާންގެ ފޮރިން މިނިސްޓަރު ލިޔޮންޕޯ ޑީއެން ޑުންގްޔެލް، އަދި މޮރިޝަސްގެ ފޮރިން އެފެއާސް، ރީޖަނަލް އިންޓަގްރޭޝަން އެންޑް އިންޓަނޭޝަނަލް ޓްރޭޑް ދަނަންޖޭ ރަމްފުލް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން ސީޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ފޯރީ އާއި ސްރީލަންކާގެ ފޮރިން އެމްޕްލޯއިމެންޓް އެންޑް ޓޫރިޒަމް މިނިސްޓަރ ވިޖިތާ ހެރަތް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ފޯރަމްގެ ޝަރަފުވެރި މެހެމާނަކީ ފިންލޭންޑްގެ ރައީސް އެލެގްޒެންޑަރ ސްޓަބް އެވެ.

މިއަހަރުގެ މަޝްވަރާތައް ބިނާވެފައި ވަނީ ގައުމުތަކުގެ މެދުގައި އޮންނަ ސަގާފީ ގުޅުންތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ ބާރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ”ޓެކްނޯޕޯލަރ“ ދުނިޔެއެއްގެ މެދުގައި އޮތް ނުތަނަވަސްކަމުގެ މައްޗަށެވެ. ފޯރަމްގެ ފުރަތަމަ ދުވަހު މައިގަނޑު ގޮތެއްގައި ބަލާފައި ވަނީ ސަގާފީ ސަލާމަތީ ކަށަވަރުކަން ކުޑަވަމުންދާ ދިއުމާއި، ޑިޖިޓަލް ވެރިކަމުގެ ނިޒާމުތައް ކުރިއަރަމުންދާ ގޮތަށެވެ.

Raisina-Dialogue-2
ރައިސީނާ ޑައިލޮގް 2026 ފެށުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެވަޑައިގަތުން: ފޮޓޯ: ޑީޑީ ނިއުސް

ކޮންފަރެންސްގެ އެކި ސެޝަންތަކުގައި ނޭޓޯގެ މުސްތަގުބަލާއި، ޔޫރަޕްގެ ގައުމުތަކުން އަމިއްލަ ދިފާއަށް ކުރާ ހޭދަ އިތުރުކުރަން ޖެހޭ މިންވަރާ ބެހޭގޮތުން މާހިރުން ވާހަކަ ދެއްކުމަށް ވަނީ ހަަމަޖެހިފަ އެވެ. އަދި އިންޑިއާގެ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ (ޑީޕީއައި) ނަމޫނާއަކީ އާންމު ލާބައަށްޓަކައި ޓެކްނޮލޮޖީ ބޭނުންކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވޭނެއެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅޭ ސިޔާސީ ކަންކަމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމާ ބެހޭގޮތުން ވެސް މަޝްވަރާތައް ކުރިޔަށް ގެންދާނެ އެވެ.

ދެވަނަ ދުވަހު ސެޝަންގެ ތެރެއިން އިސްކަން ދިނުމަށް ހަމަޖެހިފައި ވަނީ ސަލާމަތީ ގޮންޖެހުންތަކާއި ޓެކްނޮލޮޖީގެ ވާދަވެރިކަމުގެ މައްޗަށެވެ.

މީގެ ތެރޭގައި ސެމީކޮންޑަކްޓަރ އުފެއްދުމުގެ މައްޗަށް ބިނާވެފައިވާ ދުނިޔޭގެ ހަމަޖެހުމާއި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދިފާއީ އުފެއްދުންތެރިކަމަށް އައިސްފައިވާ ބަދަލުތައް ހިމެނެއެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ އިތުބާރު ކުޑަވަމުންދާދިއުމާއި، އެފްރިކާ އާއި ލެޓިން އެމެރިކާގެ ދައުރު ދުނިޔޭގެ އިގްސާދުގައި ބޮޑުވަމުންދާ ގޮތާ ބެހޭގޮތުން ވެސް ވާހަކަދެކެވޭނެއެވެ.

PM attends Raisina Dialogue 2026
ރައިސީނާ ޑައިލޮގް 2026 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ: ޑީޑީ ނިއުސް

ފޯރަމްގެ އެންމެ ފަހު ދުވަހުގެ މަޝްވަރާތައް ކުރިޔަށް ގެންދާނީ ދުނިޔޭގެ އައު ނިޒާމަށާއި އިގްސާދީ ދެމެހެއްޓެނިވިކަމުގެ މައްޗަށެވެ. އެގޮތުން އިންޑިއާ ކަނޑާއި ރަތްކަނޑުގެ ސަލާމަތާއި، ކަނޑުގެ އަޑީގެ މުވާސަލާތީ ކޭބަލްތަކަށް ހުރި ނުރައްކާތަކާ ބެހޭގޮތުން މާހިރުން ބަހުސް ކުރާނެއެވެ.

މީގެ އިތުރުން، އިންޑިއާ – މިޑްލް އީސްޓް – ޔޫރަޕް އިކޮނޮމިކް ކޮރިޑޯ ފަދަ ބޮޑެތި މަޝްރޫއުތަކާ ބެހޭގޮތުން ވެސް ވާހަކަދެކެވޭނެއެވެ.

މި ފޯރަމްގައި އިންޑިއާއިން މަސައްކަތް ކުރަނީ ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުންދާ ގައުމުތަކާ ގުޅުވައިދޭ ފާލަމެއްގެ ދައުރު އަދާކުރުމަށެވެ. ކޮންފަރެންސް ނިންމާލާނީ 2047 ވަނަ އަހަރާ ހަމައަށް އިންޑިއާ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ގެންގުޅޭ ”ވިކްސިތު ބާރަތު 2047“ ތަސައްވުރާ ބެހޭ މަޝްވަރާތަކުންނެވެ.

މިއީ ރައިސީނާ ޑައިލޮގްގެ 11 ވަނަ އެޑިޝަނެވެ. އަދި ރައިސީނާ ޑައިލޮގް މިއަދުވެފައި ވަނީ ދުނިޔޭގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވާ އެންމެ މުހިންމު އެއް ފޯރަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: