”ގްރޭޓަރ އައްޑޫ“ ކެމްޕޭނުގެ ތެރެއިން، އައްޑޫ ސިޓީގެ މަގުތައް އަލުން ބިނާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ ބޮޑު މަޝްރޫޢާ ގުޅޭ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިއްސާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އައްޑޫގެ މަގުތަކުގެ އިންފްރާސްޓްރަކްޗަރ ރަނގަޅުކުރުމަށް ސަރުކާރުން ދޭ އިސްކަން ފާހަގަކުރައްވައި، އެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ދެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތްތައް މިހާރު ވަނީ ދެވަނަ ފޭސްއާ ހަމައަށް ވާސިލުވެފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ އައްޑޫ ސިޓީގެ އެއްވެސް މަގެއް ބާކީނުކޮށް، ހުރިހާ މަގުތަކެއް ތަރައްޤީކޮށް ނިންމުމެވެ. މިކަމަށް ބޭނުންވާ މެޝިނަރީ އާއި ސާމާނު ހޯދުމުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާކަމަށާއި، މުޅި މަޝްރޫޢު ރޭވިފައިވަނީ ވަރަށް ފުރިހަމަ އިންތިޒާމުތަކެއްގެ ދަށުން ކަމަށް ރައީސް ޑރ. މުޢިއްޒު ކަށަވަރުކޮށްދެއްވިއެވެ.
މި ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން 8 އޭޕްރިލް 2025 ގައި ސަރުކާރުން ވަނީ އާރް.ޑީ.ސީ އާއެކު ގާތްގަނޑަކަށް 829 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި މަސައްކަތުގެ ދަށުން އައްޑޫ ލިންކް ރޯޑުގެ ބައެއް ބައިތަކުގެ އިތުރުން، ސިޓީގެ އެކި އަވަށްތަކުގައި ހިމެނޭ 60 ކިލޯމީޓަރަށްވުރެ ގިނަ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫ ސިޓީގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން، ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

