މާލޭ އާއި ހުޅުމާލެ ގުޅާލުމަށް ހެދި ސިނަމާލެ ބްރިޖްގެ މަސައްކަތަށް ބަންދުކުރި އުސްފަސްގަނޑު ސަރަހައްދު ވަށާ ޖަހާފައި ހުރި ފެންސުތައް ނަގާ އެތަން ހުޅުވާލައިފިއެވެ.
އުސް ފަސްގަޑުގައި ތިބި ޗައިނާ މީހުންނަކީ ބްރިޖުގެ މެއިންޓެނަނަސް ބެލެހެއްޓުމުގެ ގޮތުން ތިބި މީހުންނެވެ. އެމީހުންގެ އޮފީސް ވެސް ހިންގާފައިވަނީ އެތަނުގައެވެ. ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ސައިޓު ރޫޅާލާ ތަން އެކީ ހުސް ކުރި ނަމަވެސް، ބްރިޖު ބެލެހެއްޓުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ އެވެ. އަދި ކުންފުނީގެ މުވައްޒަފުން ދެން ތިބޭނީ ހުޅުމާލޭގަ އެވެ.
ދަރުބާރުގެ ބިއްދޮށުން އޮންނަ އުސްފަސްގަނޑަކީ ބިން ބޮޑު ސަރަހައްދެކެވެ. މީގެ ކުރިން އާއިލީ އެކި އެއްވުންތައް އެ ސަރަހައްދުގައި ބާއްވާފައިވެއެވެ. އަދި ހަވީރު ވަގުތު އާއިލާއާއި އެކު ކުޑަކުދިން އެ ސަރަހައްދަށް އަންނަކަން ފާހަގަކުރެވެއެވެ. އުސްފަސްގަނޑު ބަންދުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ސްފަސްގަނޑުގައި ފެންސް ޖަހާ އެ ސަރަހައްދުގައި އޮފީސް އިމާރާތްތަކާއި އަދި ބްރިޖް މަސައްކަތުގައި އުޅުނު ޗައިނާ މީހުން ދިރިއުޅޭ އެޕާޓްމެންޓުތައް ހުރީ އެ ސަރަހައްދުގައެވެ.

އުސްފަސްގަނޑުގައި ސީސީސީސީ ކުންފުނީގެ މުވައްޒަފުން ދިރިއުޅެމުން އައިއިރު އެތަނުގައި އެމީހުން ބާސްކެޓު ކޯޓެއް ވެސް ހެދިއެވެ. އޭގެ އިތުރުން އެމީހުން ކައިބޮއި ހެދުމަށް ބަދިގެއެއް ވެސް ހަދާފައިވެއެވެ. އަދި ބްރިޖްގެ މަސައްކަތްތަކަށް ގެންގުޅޭ ވެހިކަލްތައް ވެސް ޕާކުކޮށްފައި ހުންނަނީ އުސްފަސްގަނޑުގައެވެ.
ބްރިޖް ހުޅުވިތާ އަހަރެއް ވެފައިވާއިރު، އުސްފަސްގަނޑު ވަށާ ޖަހާފައި ހުރި ފެންސުތައް އަދި ގެތައް މިހާރު ވަނީ ނަގާފައެވެ. އަދި ތަން ސާފު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިޔަށް އެބަދެއެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުކުރި އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް އޭރުގެ ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރިއެވެ.

