އަންނަ އޭޕްރީލް މަހުގެ 4 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އާދަލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރަން އެދޭ މީހުނަށް އެ ޕާޓީގެ ޓިކެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރުމަށް އެ ޕާޓީތަކުން ވަނީ ހުޅުވާލާފައެވެ. އިލެކްޝަންސް ކޮމިޝަނުން، ރަސްމީކޮށް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަދި ހުޅުވައެއް ނުލައެވެ. އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި އީސީން ހާމަަކޮށްފައިވަނީ އޭޕްރިލް މަހުގެ 7 ވަނަ ދުވަހެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އާދަލަތު ޕާޓީން ބުނީ ލޯކަލް ކައުންސިލް އިންތިހާބާއި ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުނަށް އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދާލަތު ޕާޓީން ވަނީ ހުރިހާ ދާއިރާއަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލަފައެވެ.
އަދާލަތުން ވަނީ، ޓިކެޓަށް އެދި ހުށަހަޅާ ފޯމު ޕާޓީގެ މައި އޮފީސް ހ. ފުލިދޫގޭގެ ތިންވަނަ ފަންގިފިލާއިން ލިބޭނެ ކަމަށް ބުނެފައެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހާއެކު ކައުންސިލް ތަކުގެ ދައިރު ވަނީ ފަސް އަހަރަށް ބަދަލުކޮށްފައެވެ. އަދި އާބާދީގައި 3000 ހުންނަށްވުރެ މަދު މީހުން ތިބޭ ރަށްރަށުން އިންތިހާބުކުރާނީ ފަސް ކައުންސިލަރުން ކަމަށް ނިންމާ އެގެ ތެރެއިން ދެ ގޮނޑި އަންހެނުންނަށް ހާއްސަކުރުމަށް ވަނީ ނިންމާފައެވެ.
އާބާދީގައި 3000 މީހުންނަށްވުރެ ގިނަ ރަށްރަށުގައި ހަތް ކައުންސިލަރުން އިންތިހާބުކުރުމަށް ނިންމިއިރު އޭގެތެރެއިން ތިން ކައުންސިލަރުންނަކީ އަންހެނުންނަށް ވާން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

