ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ފްލެޓްތަކުން ކިތަންމެ ވަރަކަށް ކުނިނަގާ ސާފުކުރި ނަމަވެސް، އުސޫލުން ބޭރުން ކުނިއަޅާ ނަމަ މި މައްސަލައަށް ނިމުމެއް ނާންނާނެ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހަމްދާން ވަނީ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ކުނި އުކާލުމުގައި ޒިންމާދާރުކަން ކުޑަގޮތްތަކެއް ގެންގުޅޭކަން ފާހަގަކުރައްވާފައެވެ.
ހަމްދާން ވިދާޅުވީ، ފްލެޓްތަކުގައި ދިރިއުޅޭ އާބާދީގެ ނިސްބަތަށް ބަލައި ކޮންމެ ޓަވަރެއްގައި ހަތަރެއް ނުވަތަ ފަސް ޑަސްޓްބިން ބަހައްޓާފައިވާނެ ކަމަށެވެ. މިއީ 120 ޔުނިޓަށް ފުދޭނެ މިންވަރެއް ނަމަވެސް، ޑަސްޓްބިންތައް ފުރި ބާރުވަނީ އެ ބޭނުންކުރަންޖެހޭ ގޮތަށް ބޭނުން ނުކުރާތީ ކަމަށް އޭނާ ވިދާޅުވިއެވެ. ހާއްސަކޮށް، ދުވަހު ކުނި އެޅުމަށް ހާއްސަ ކުރެވިފައިވާ ބިންތަކަށް ފަރުނީޗަރުގެ ކަރުދާސް ފޮށިތަކާއި، އިމާރާތުގެ އެތެރޭގެ މަސައްކަތްތަކަށްފަހު ބާކީވާ ތަކެތި އަޅަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
”ޑަސްޓްބިންތަށް ކުޑަވަނީ އެބޭނުންކުރަންވާ ގޮތަށް ބޭނުން ނުކުރާތީ. އޭގެ ތެރެއަށް ކުނިނުވާ ޒާތުގެ ކުނިތެރެއަށް ކަރުދާސް ފޮށިފޮށި ކުދިކޮށްފައި އަޅާފުރާފަ ބަހައްޓަނީ އެވެސް ވެމްކޯ މުވައްޒަފުން ނަގާނެކަމަށްބަލާ،“ ހަމްދާން ވިދާޅުވިއެވެ.
މީގެ އިތުރުން، ފްލެޓްތަކަށް މީހުން ބަދަލުވިއިރު ބާކީވި ޕާކޭ އާއި ވޯލް ޕެނަލް ފަދަ ތަކެތިވެސް އިމާރާތުގެ ދޮރުމައްޗަށް ދޫކޮށްލާފައި ހުންނަ ކަމަށާއި، މިއީ އެފްޑީސީ ލައްވާ އެތަކެތި އުކާލުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ކުނީގެ މައްސަލައިގެ އިތުރުން، ޖަންކްޝަންތައް ފުރި އޯވާފްލޯވުމުގެ މައްސަލަވެސް ބޮޑުވެފައިވާކަން ހަމްދާން ފާހަގަކުރެއްވިއެވެ. އެގޮތުން ފާޚަނާ ތަށިތެރެއަށް ޓައިލްސް ކޮށާފައި އެޅުމާއި، ޓިޝޫ، ނެޕީ، ކުޑަކުދިން ކުޅޭ ސާމާނު އަދި ކަރުގޮހޮރު ފަދަ ތަކެތި އެޅުމުގެ ސަބަބުން ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ވިދާޅުވިއެވެ. މިފަދަ ކަންކަމުގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކާވެ، އެ ކުނިތައް ނައްތާލުމަށް އެފްޑީސީއަށް މަޖުބޫރުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ފެބްރުއަރީ މަހުގެ ނިޔަލަށް އެ ސަރަހައްދުން 1200 ޓަނުގެ ކުނި އުކާލާފައިވާ ކަމަށް ހަމްދާން ހާމަކުރެއްވިއެވެ. މީގެ ތެރޭގައި ގިނައީ ހުސް ފޮށިގަނޑުތަކެވެ. ހަމްދާން ވިދާޅުވީ ކިތަންމެ ވަރަކަށް ސާފުކުރި ނަމަވެސް، އާންމުން މިއަށްވުރެ ޒިންމާދާރުވެ ތަހުޒީބު ގޮތެއްގައި ކުނި އުކާލުމުގެ ކަންކަން ނުބަހައްޓާ ނަމަ މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ވަނީ ”އަމާން އުދަރެސް“ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކަނޑައެޅިފައިވާ އުސޫލުތަކަށް ބޯލަނބައި، އެންމެންގެ ފައިދާއަށްޓަކައި ޒިންމާދާރުވުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައެވެ. ފްލެޓްތަކުގެ ކުނި އުކާލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ އެފްޑީސީގެ ޒިންމާއެއް ނަމަވެސް، އެކަން ކާމިޔާބުވާނީ ދިރިއުޅޭ ފަރާތްތަކުގެ އެއްބާރުލުން ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

