އީސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާއި، ގަލްފް ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ދިވެހި ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އީރާނުން ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވެއިތު، ބަހްރައިން އަދި އެހެނިހެން އަޚުވަންތަ ގައުމުތަކަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރި ކުރާ ކަމަށެވެ. ވަކިން ހާއްސަކޮށް، ގަލްފު ސަރަހައްދުގެ ވައިގެ ބަނދަރުތަކާއި ތެޔޮ އުފައްދާ ވަސީލަތްތައް ހިމެނޭހެން، އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ދޭ ހަމަލާތަކާމެދު ރާއްޖެއިން ނުހަނު ކަންބޮޑުވާކަން ވަނީ ބުނެފަ އެވެ. ދިވެހި ސަރުކާރުން ފާހަގަކުރެއްވި ގޮތުގައި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ ކޮންވެންޝަންތަކާ ސާފުކޮށް ހިލާފު އަމަލުތަކެކެވެ.
މީގެ އިތުރުން، ގަލްފުގެ ގައުމުތަކުން އެއްވެސް ބަދަލުހިފުމުގެ އަމަލެއް ހިންގާފައި ނުވަނިކޮށް، އީރާނުން އެ ގައުމުތަކަށް ހަމަލާދެމުންދާތީ އެކަމާ ހިތާމަކުރާކަމަށް ވެއެވެ.
ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާއިރު، ބަޔާނުގައި ވަނީ ކޮށް، އީރާންގެ އަންހެން ކުދިންގެ ސްކޫލަކަށް ދިން ހަމަލާގައި އެތައް ސަތޭކަ ކުދިންނެއްގެ ފުރާނަ ގެއްލިފައިވާތީ އެކަމަށް ކަންބޮޑުވާކަމަށެވެ. އަދި ހުރިހާ ފަރާތްތަކަކުން ވަގުތުން ހަމަލާތައް ހުއްޓާލަން ރާއްޖޭން ވަނީ ގޮވާލައިފަ އެވެ.
ރާއްޖެއިން މި ބަޔާނުގައި ވަނީ ބައިނަލްއަގުވާމީ މުޖުތަމައުން ޑިޕްލޮމެޓިކް މަސައްކަތް ފުޅާ ކުރުމަށް ވެސް ގޮވާލާފަ އެވެ. އަދި ގަލްފު ސަރަހައްދުގައި ސުލްހަ ގާއިމުކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް، ގޮވާލާފައިވެ އެވެ.

