ކ. އެރިޔަދޫ ރިސޯޓުގައި މަރުވެ ކުނިވެފައި އޮތް އުމުރުން ދުވަސް ވީ ފަތުރުވެރިއެއް ފެނިއްޖެއެވެ.
މިއަދު މެންދުރުގެ 1 ޖަހާހާއިރު އެ ރިސޯޓުގެ 113 ވަނަ ރޫމުން މަރުވެފައި އޮއްވާ ފެނިފައިވާ މީހާގެ އުމުރުން 70 އަހަރުކަމަށް މައުލޫމާތު ލިބެއެވެ. އެރިޔަދޫއިން ސަންގުއާއި ވާހަކަ ދެއްކި މީހަކު ބުނީ، އެ މީހާ ރިސޯޓަށް އައިސް އުޅުނީ އެކަނި ކަމަށެވެ. އަދި އެ ރޫމުގައި އޭނާއާއި އެކު އިތުރު މީހެއް ނޫޅޭ ކަމަށް ރިސޯޓުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މައުލޫމާތު ދިން މީހާ ބުނީ، އެ މީހާ ނުފެނިގެން ރޫމަށް ވަދެފައިވަނީ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން ކަމަށެވެ. އަދި މުޅި ކޮޓަރީގެ ތެރޭ ކުނި ވަސް ހިފާފައި ހުރި ކަމަށް އޭނާ ބުންޏެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާގެ އަނގައިން ހުދު ކުލައިގެ ފޮނު އަރާފައިވާ ކަމަށް ވެސް މަންޒަރު ދުށް މީހަކު ވަނީ ބުނެފައެވެ. އަދި އެ މީހާ މަރުވެފައި އޮތްއިރު މީހާ އޮތީ ބަނޑުމަތީ ފައިކޮޅު ބަންޑުން ބޭރަށެވެ. އަދި އުއްޑުންވާ ގޮތަށް މީހާގެ ދެ އަތް އޮތީ ބޮލާއި ދިމާލަށް ވާގޮތަށެވެ. އަދި މީހާގެ މަސްގަނޑު އޮތީ ހުދު ކުލަ އަރާފައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެރިޔަދޫއިން މައުލޫމާތު ދިން މީހާ ބުނީ އެ މައްސަލައިގައި ފުރަތަމަ ގުޅީ ކާށިދޫ ފުލުހުންނަށް ކަމަށެވެ. އެހެން ނަމަވެސް، އެމީހުންނަށް އާދެވެން ނެތް ކަމަށް ބުނުމުން ދެން ގުޅީ ތުލުސްދޫ ފުލުހުންގެ އިދާރާއަށް ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާ މާލެ ގެނައުމަށް ފުލުހުން ރިސޯޓަށް ދިޔައީ ހަވީރު 5:30 ވީފަހުންނެވެ.

