ދޮޅު އަހަރަށްފަހު ފަހު އަނެއްކާ ވެސް ރާއްޖެއިން ހިމަބިއްސަށް ޝައްކުވާ މީހަކު ފެނުމާ ގުޅިގެން އެ ބަލި އޭނާގެ ގައިގައި ހުރިތޯ ޔަގީން ކުރުމަށް ޓެސްޓް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ފަށައިފި އެވެ.
ދުވަސްތަކަކަށްފަހު ރާއްޖެއިން އަނެއްކާވެސް ހިމަބިހި ފެނިފައިވާ ކަމަށް ވިދާޅުވެ އެކަން އާއްމުންގެ ސަމާލުކަމަށް ގެންނެވީ، އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލްއެވެ. އަދި ހިމަބިއްސަ ޝައްކު ކުރެވޭ މީހާ، ޓެސްޓްކޮށް ބަލި ހުރިތޯ ޔަގީން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. އެއާއި އެކު އެ އިދާރާއިން ވަނީ ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކޮށްފައެވެ. އަދި ވެކްސިން ކާޑުތައް ރަނގަޅަށް ބެލުމަށްފަހު ދިމާވިސަބަބަކާއި ހުރެ، ނުވަތަ ނޭނގި ވެކްސިން ދޭންޖެހޭ މުއްދަތުގައި ވެކްސިން ނުދެވި ހުރި ނަމަ ވީ އެންމެ އަވަހަކަށް ވެކްސިން ދޭ މަރުކަޒަކަށް ގޮސް ވެކްސިންގެ ޑޯޒު ފުރިހަމަ ކުރުމަށްވެސް ވަނީ އެދިފައެވެ.
ހިމަބިހި ނުވަތަ ”މީސްލްސް“ ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ 2 ޑޯޒް ހަމަކޮށްފައި ހުރުމެވެ.
ހިމަބިހި ނައްތާލުމަށް ރާއްޖޭގައި ގައުމީ ކެމްޕެއިނެއް ވެސް ކުރިއަށް ގެންދިޔައެވެ. އަދި ރާއްޖެއަކީ ހިމަބިހި ނުވަތަ މީސްލްސް ނައްތާލާފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާ އިއުލާންކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. ރާއްޖެއާ އެކު މި ސަރަހައްދުން ހިމަބިހި ނައްތާލި ކަމަށް ކަނޑައަޅާފައިވާ ގައުމުގެ ތެރޭގައި ދެން ހިމެނެނީ ބޫޓާންއެވެ.
މި ދެ ގައުމަކީ ވެސް 2020 ވަނަ އަހަރުގެ ކުރިން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ހިމަބިހި ނައްތާލުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވި ފުރަތަމަ ދެ ގައުމުކަންވެސް ފާހަގަކޮށްލެވެއެވެ. ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރެެވެ. އަދި ދިވެހިރާއްޖެއިން މީސްލްސް ޖެހިފައިވާ މީހަކު އެންމެ ފަހުން ފެނިފައިވަނީ 2009 ވަނަ އަހަރެވެ.
ހިމަބިހި ރާއްޖޭގައި ފެތުރުން މަދުކުރުމަށް އާއްމުކޮށްދޭ ވެކްސިންދޭ އުމުރުފުރާގެ އިތުރުން އެހެން ޢުމުރުފުރާތަކަށް އަމާޒުކޮށްގެން 2005، 2006 އަދި 2007 ގައި ވެކްސިން ދިނުމުގެ ކެމްޕެއިންތަކެއްވެސް ވަނީ ހިންގާފައެވެ. އަދި 2007 ވަނަ އަހަރުން ފެށިގެން އެމްއެމްއާރް (މީސްލްސް، މަމްޕްސް އަދި ރުބެއްލާ) ވެކްސިން ގައުމީ ވެކްސިން ތާވަލަށް އިތުރުކޮށް މީސްލްސް ވެކްސިން ގެ ދެ ޑޯޒް ކުޑަކުދިންނަށް ވަނީ ދޭން ފަށާފައެވެ.
ހިމަބިއްސަކީ ގައިންގަޔަށް އަރާ، ވަރަށް ހަލުއިކަމާ އެކު ފެތުރޭ ބައްޔެކެވެ. އެ ބަލީގެ ނުރައްކާތަކުގެ ތެރޭގައި ލޮލުގެ ފެނުމާއި ފުއްޕާމެ އާއި ސިކުނޑިއަށް ގެއްލުންވުން ހިމެނެއެވެ. އަދި އެއީ ފުރާނައަށް ވެސް ނުރައްކާވާ ބައްޔެކެވެ. ގައިންގަޔަށް އަރާ ބަލި ކޮންމެ ގައުމަކަށްވެސް ފެތުރުމުގެ ފުރުސަތު އޮތް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވާއިރު، ރައްކާތެރިވުމަށް ކުރެވެން އޮތްކަމަކީ އާބާދީގެ މަދުވެގެން 95 އިންސައްތައަށް ވެކްސިން ދިނުން ކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެއެެވެ.

