އަފްރާޝީމްގެ މަރާ ގުޅިގެން ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުސް އޮފީހަށް ފޮނުވައިިފި އެވެ.
ޕީޖީ އޮފީހުން ލަފާދީފައިވާ ގޮތަށް ޝަހީމްގެ މައްސަލަ ފުލުސް އޮފީހަށް ފޮނުވާފައިވާކަން މަރު ކޮމިޝަންގެ މެމްބަރު ފަރީޝާ އަބްދުﷲ ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މައްސަލަ ފޮނުވި ސީދާ ތާރީހެއް ހާމަނުކޮށް ފަރީޝާ ވިދާޅުވީ، މައްސަލަ ފުލުހަށް ފޮނުވާފައިވަނީ ޕީޖީއިން އެދިފައިވާ ގޮތަށް ތަހުގީގީ މަރުހަލާ ކުރިޔަށް ގެންދިއުމަށް ކަމަށެވެ.
ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތް ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓްގައި ވަނީ ޝަމީމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. ރިޔާސީ ކޮމިޝަނުން ވަނީ އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަހުގީގަށް ޝަހީމް ދޮގު މައުލޫމާތު ދީފައިވާ ކަމަށާއި، އެއީ ތަހުގީގަށް ހުރަސް އެޅުން ކަމަށް ބުނެ އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ ޑިސެމްބަރު މަހު ޕީޖީއަށް ފޮނުވިއެވެ. އެހެން ނަމަވެސް، އެ މައްސަލަ އަނބުރާ ފޮނުވާލުމަށްފަހު ޕީޖީން ބުނެފައިވަނީ، މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވާ ކަމަށެވެ.
ރ. އަފްރާޝީމްގެ މައްސަލާގައި މަރު ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓުގައި ބުނީ، ޑރ. ޝަހީމް އެ ކޮމިޝަނަށް ލިޔުމުން ފޮނުއްވާފައިވާ މައުލޫމާތުގައިވާ ގޮތުން އަފްރާޝީމް އޭނާއާ 2012، އޮކްޓޯބަރު އެއްވަނަ ދުވަހު ބައްދަލު ކުރެއްވުމަށް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވީ އެއްވެސް ގޮތަކަށް އެދިވަޑައިގެން ނޫން ކަމަށެވެ. ނަމަވެސް، އެދުވަހު މެންދުރު 1:00 އަށް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގަތުމަށް ޝަހީމް ދެންނެވި ކަމަށް ދެމީހުންގެ ދެމެދުގައި ބަދަލު ކުރައްވާފައިވާ މެސެޖުތަކުން އެނގޭ ކަމަށެވެ.
އޮކްޓޯބަރު 2، 2012 ގައި ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލި ހާދިސާ ހިނގި ރޭ ޓީވީއެމުން ފޮނުވި ދީނީ ދަރުސް ޕްރޮގްރާމަށް ވަޑައިގަންނަވަން ޑރ. އަފްރާޝީމަށް އެންގެވީ ޑރ. ޝަހީމްކަމަށް މަރުކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވާއިރު، ޑރ. އަފްރާޝީމަށް އެރޭ ޓީވީ ޕްރޮގްރާމަށް ވަޑައިގެންނެވޭނެ ކަމާއި، އެ ޕްރޮގްރާމަށް ވަޑައިގަތުމުގެ ޔަގީން ކަން ދީފައިވަނީ ކޮންފަރާތަކުން ކަން ނޭނގޭ ކަމަށް ޑރ. ޝަހީމް ވަނީ މަރު ކޮމިޝަނަށް މައުލޫމާތު ދެއްވާފައެވެ.
އެހެން ނަމަވެސް ކޮމިޝަނުން ހެކީގެ ގޮތުގައި ހޯދި އެ ދެ ބޭފުޅުންގެ ޓެކްސްޓް މެސެޖުގައިވާ ގޮތުން އަފްރާޝީމް މިނިސްޓްރީއަށް އެ ދުވަހު ވަޑައިގަތީ ޝަހީމް އެދިވަޑައިގަތުމަކަށެވެ. އެ މެސެޖްތަކަށް ބެލުމަށްފަހު ކޮމިޝަނުން ނިންމީ ޝަހީމް ދެއްވި މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ. އެހެން ނަމަވެސް ޝަހީމް ވަނީ ދޮގު މައުލޫމާތު ދެއްވާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި ދައުވާ ކުރަން ނިންމާފައި ވަނީ އޭނާގެ ސިޔާސީ މުސްތަގުބަލު ދުއްވާލުމުގެ ބޭނުމުގައި ކަމަށް ޝަހީމް ވިދާޅުވި އެވެ.
އެމައްސަލައާއި ގުޅިގެން ޝަހީމްއާއި، ސަލަފަށް ފިޔަވަޅު އަޅަން މަޖިލީހުން ފާސްވެސް ކުރިއެވެ.

