ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިމާވެދާނެ ހާލަތަކުން ރައްކާތެރިވުމަށް ރިޒާވަށް އިތުރު 100 މިލިއަން ޑޮލަރު ހޯދަން ދަނީ މަޝްވަރާކުރަމުން: ޒަމީރު

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވެ، ރާއްޖޭގެ ރިޒާވަށް ކުރިމަތިވެދާނެ ނުރަނގަޅު އަސަރުތަކުން ސަލާމަތްވުމަށްޓަކައި އިތުރު 100 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތައް ކުޑަކުރުމަށް އެކުލަވާލި ކެބިނެޓް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ބައިނަލްއަގުވާމީ މަލްޓިލެޓްރަލް ދެ އެޖެންސީއަކާ އެކު ކުރެވުނު މަޝްވަރާތަކުން އިއްޔެއާ ހަމައަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށެވެ.

 ”މިހާރު ދިވެހި ސަރުކާރުން ނަގަންޖެހޭ ފައިނަލް ހުއްދަ ނެގުމަށްޓަކައި މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ވެސް ފޮނުއްވާފައި،“ މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މި ލޯނުގެ އިންޓްރެސްޓް ރޭޓާއި އަނބުރާ ދައްކަންޖެހޭ މުއްދަތުގެ ތަފްސީލެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.

މި ފިޔަވަޅު އަޅަން ނިންމާފައިވަނީ ކުރިއަށް އޮތް އޭޕްރީލް މަހު ދައުލަތުން 500 މިލިއަން ޑޮލަރުގެ ސުކޫކެއް ދައްކަން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ތެލުގެ އަގު އުފުލުމުގެ ސަބަބުން އިމްޕޯޓަށް ކުރަންޖެހޭ ހަރަދު ބޮޑުވެ، ރިޒާވުން ކުރަންޖެހޭ ހަރަދު އިތުރުވާނެތީ، މި 100 މިލިއަން ޑޮލަރަކީ ރިޒާވް ހުސްނުވެ ހިފެހެއްޓުމަށް މުހިންމު ފައިސާއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ އޭޕްރީލް މަހު ދައްކަންޖެހޭ ސުކޫކުގެ ދަރަނި، އިތުރު ލޯނެއް ނުލިބުނު ނަމަވެސް ދެއްކޭނެ ގާބިލުކަން ދައުލަތުގައި އެބަހުރި ކަމަށެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 320 މިލިއަން ޑޮލަރު އަދި ބޭނުންކުރެވޭ ރިޒާވްގައި 330 މިލިއަން ޑޮލަރު ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

ނަމަވެސް، އިތުރު ފައިސާއެއް ނުހޯދައި މި ދަރަނި ދައްކައިފިނަމަ ރިޒާވްގައި ބާކީ އޮންނާނީ ގާތްގަނޑަކަށް 150 މިލިއަން ޑޮލަރެވެ. މިއީ ރާއްޖޭގެ އެއް މަސް ދުވަހުގެ އިމްޕޯޓަށް ކުރާ ހަރަދާ އެއްވަރުގެ އަދަދެއް ކަމަށް އިގުތިސޯދީ ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ ބޭރުގެ އެހީތެރިކަމާއެކު ރިޒާވް ވަރުގަދަކޮށް، ކުރިމަތިވެދާނެ އިގުތިސޯދީ ލޮޅުންތަކުން ސަލާމަތްވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: