ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސަސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރ އަލީ ހާޝިމް އެވެ. ސަސްއީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަވާދު އެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކުރާ މެރީނާއަކީ އެއް ފަހަރާ 18 ޔޮޓަށް ބަނދަރުކުރެވޭނެ ފެންވަރުގެ ތަނެއް ކަމަށް އެމްޕީއެލްއިން މަޢުލޫމާތުދެއެވެ. މި މެރީނާ ތަރައްޤީވެގެން ދާއިރު، ޔޮޓްފަހަރަށް ބޭނުންވާ މައިގަނޑު އަސާސީ ޚިދުމަތްތަކުގެ އިތުރުން، އިމިގްރޭޝަނާއި ކަސްޓަމްސްގެ ޚިދުމަތްތައް ވެސް އެ ތަނުން ލިބިގެންދާނެއެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި، މި މެރީނާ އޮޕަރޭޓްކޮށް އިތުރަށް ތަރައްޤީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ވެސް އެ ކުންފުނިން މިހާރު ދަނީ ކުރަމުންނެވެ. މިއީ އުލިގަމުގެ އިޤްތިސާދީ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ދެކެއެވެ.
ހއ. އުލިގަމަކީ ރާއްޖޭގެ އުތުރުން ދަތުރުކުރާ ޔޮޓްތައް އާންމުކޮށް ބަނދަރުކުރާ މުހިންމު މަންޒިލެކެވެ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކޮށް، އެ ޚިދުމަތް ފުޅާކުރުމަކީ އެ ރަށަށް އިޤްތިސާދީ ނަފާ ހޯދައިދިނުމަށް މި ސަރުކާރުން ގެންގުޅޭ މުހިންމު އަމާޒެކެވެ.

