ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާއްސަ މަޖިލީހުގައި ދެއްކި ވާހަކައިގެ ސްޓޭންޑު ބަދަލެއް ނުކުރަން؛ އޭރުގެ ހާލަތާއި މިހާރުގެ ހާލަތު ތަފާތު: އާޒިމާ

ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުވެ އާ ގާނޫނުއަސާސީގެ ދަށުން އިންތިހާބުތައް ތަރުތީބުކުރެވުނުއިރު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިން ބާއްވަން ނިންމީ ދައުލަތުގެ ސްޓެބިލިޓީއަށް ރިއާޔަތް ކުރުމަށްކަމަށާއި ނަމަވެސް އޭރުގެ ހާލަތާއި މިހާރުގެ ހާލަތާއި ވަރަށް ތަފާތުކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ދެކެވޭ ބަހުސްތަކުގައި، އާޒިމާ ކުރިން ގެންގުޅުއްވި ސްޓޭންޑު ބަދަލުވިކަމަށް ރިޕޯޓު ކުރީ މީޑިއާއަކުންނެވެ. އާޒިމާގެ ވިސްނުން ބަދަލުވެފައިވާކަމަށް ރިޕޯޓުކޮށްފައި ވަނީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 261 ވަނަ ޖަލްސާގައި އާޒިމާ ދައްކަވާފައިވާ ވާހަކަތަކަށް ރިއާޔަތް ކޮށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެހި ގާނޫނުއަސާސީ ތަސްދީގު ކުރުމަށް ގާނޫނީ ލަފާދެއްވާފައި ވަނީ އޭރު ބަންޑާރަ ނައިބަކަށް ހުންނެވި އާޒިމާ އެވެ.

ހާއްސަ މަޖިލީހުގެ ޖަލްސާގައި އާޒިމާ ވިދާޅުވެފައިވަނީ، ”މި ދެ މުއައްސަސާ އެކުގައި އިންތިޚާބު ކުރުމަށް ވުރެ މީގައި ފައިދާ ބޮޑުވެފައި އެންމެ އޮމާންކަމާއި އަމާންކަމާ އެކުގައި މިކަން ގެންދެވޭނީ ދެ އިންތިޚާބު ވަކިން ބާއްވައި، ފަހަރަކު މުއައްސަސާއެއްގެ އިންތިޚާބު ބާއްވައި، އިންތިޚާބުތައް ނިންމައިގެން ކުރިއަށް ގެންދިއުން ކަމުގައި ވާތީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ވެސް އެކަން ކުރުމަށް އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަން،“ މިފަދައިންނެވެ.

ނަމަވެސް މިހާރު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވާތީ، އެއީ ސްޓޭންޑު ބަދަލުވުންތޯ ސަންގުޓީވީގެ ”ހާޑް ޓޯކް“ ޕްރޮގްރާމްގައި ސުވާލު ކުރުމުން އާޒިމާ ވިދާޅުވީ، އެއީ މީގެ 17 އަހަރު ކުރިން ގާނޫނުއަސާސީ ތަސްދީގުކުރެވިގެން ދިޔައިރު އޮތް ހާއްސަ ހާލަތެއް ކަމަށެވެ. އާޒިމާ ވިދާޅުވި ގޮތުގައި އޭރު ދައުލަތުގެ ގަނޫނީ އޮނިގަނޑަށް ދިރާސާކޮށް ލަފާ އެރުވީ އޭނާއެވެ. އަދި 90 ސޮފުހާގެ ރިޕޯޓެއް އާންމުކޮށް، ވަކި ގާނޫނީ ލަފަޔަކާއެކު ދުސްތޫރީ ސިޓީތައް ރައީސަށް އެރުވިކަމަށް އާޒިމާ ވިދާޅުވި އެވެ.

އަޅުގަނޑު ވަރަށް ޕަބްލިކްކޮށް ދަންނަވަމުން ގެންދިޔައިން ގާނޫނުއަސާސީގެ ވަރަށް ބޮޑެތި މައްސަލަ ހުރި ވާހަކަ. އަދި ޤާނޫނުއަސާސީއަކީ އެހާ ފަސޭހައިން އަޅުގަނޑުމެންނަށް ހިންގޭ ގޮތަށް އޮތް އެއްޗެއް ނޫންކަން ވަރަށް ސާފު އިބާރާތުން ދަންނަވަމުން ގެންދިޔައިން. އަޅުގަނޑު އެކަނި ކަންނޭނގެ އަސްލު ޤާނޫނުއަސާސީ ތަޞްދީޤުކުރެވުނު ދުވަހު ވެސް ޤާނޫނުއަސާސީގެ ފޮނިމީރުކަމުގެ ވާހަކަ ހުރިހާ ބޭފުޅުން ދެއްކެވިއިރު ވެސް އަޅުގަނޑު ހަމަ ކޯޝަން ކުރަމުން ގެންދިޔައިން

އާޒިމާ އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، އޭރުގެ ވާހަކަތައް ”ކޮންޓެކްސްޓް“ އަށް ފައްތަން ޖެހެއެވެ. ޤާނޫނުއަސާސީގެ މައި އޮނިގަނޑު ޑްރާފްޓްކޮށް ނިމުމުން ދެން އަންނަނީ އިންތިގާލީ މަރުހަލާކަމަށްވާއިރު އާޒިމާ ވިދާޅުވީ އޭރު އޮތް ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހަކީ ކޮންމެ އަތޮޅަކުން ދެ މެންބަރުންނާއި، މާލެއިން ދެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ އަށް މެންބަރުން ތިއްބަވާ 50 މެންބަރުންގެ މަޖިލީހެއް ކަމަށެވެ. މަޖިލީހުގެ ރައީސަކީ ވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ އޭރު މަޖިލީހުގެ ރައީސްކަން ކުރެއްވީ އަލްއުސްތާޒު އަބްދުﷲ ހަމީދާއި ސީނާ ޒާހިރު ފަދަ ބޭފުޅުން ކަމަށެވެ.

2008 ގެ ކުރިން ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރަމުން އައީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ބޭފުޅަކަށް ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުންކަން ވެސް އާޒިމާ ފާހަގަކުރެއްވި އެވެ. ނަމަވެސް އާ ގާނޫނުއަސާސީގެ ދަށުން، 50 އިންސައްތަ ޕްލްސް އެއް ވޯޓަށް ވުރެ ގިނަ ވޯޓު ހޯދަންޖެހޭ ގޮތަށް އުސޫލު ބަދަލުވުމުން، އިންތިހާބު ދެބުރަށް ދިއުމުގެ ފުރުސަތު އޮތުމާއެކު، ވަގުތުގެ ރައްކާތެރިކަމަށްޓަކައި ރިޔާސީ އިންތިހާބު އިސްކުރީކަމަށް އާޒިމާ ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން އޭރު ބަންޑާރަ ނައިބުގެ އޮފީހުން ދިރާސާކުރުމަށް ފަހު، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އޭރުގެ ނައިބު ރައީސް ޝާހީން ހަމީދާއެކު ބައްދަލުވުންތަކެއް ބޭއްވުނުކަން އާޒިމާ ފާހަގަކުރެއްވިއެވެ. އާޒިމާ ވިދާޅުވި ގޮތުގައި އެ ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ދައުލަތް އެއް އޮނިގަނޑުން އަނެއް އޮނިގަނޑަށް ބަދަލުވެގެންދާއިރު، ކަންކަން ތަރުތީބުކުރާނެ ގޮތަކާ މެދުގައެވެ.

އޭރު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ނުބޭއްވި ސަބަބާ ގުޅޭގޮތުން އާޒިމާ ވިދާޅުވީ، ދައުލަތުގެ ދެ މުއައްސަސާއެއް އެއްފަހަރާ އިންތިހާބުކުރުން ނުވަތަ ދެ މުއައްސަސާއެއްގެ މުއްދަތު އެއްފަހަރާ ހަމަވުމަކީ ދައުލަތުގެ ހަމަޖެހުމަށް ނުރައްކާވެދާނެ ކަމެއް ކަމަށް އޭރު ފެނުނު ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރިޔާސީ އިންތިހާބަށްފަހު ބާއްވާ ގޮތަށް ހަމަޖެއްސީ އެ ސަބަބަށްޓަކައެވެ.

އަދިވެސް އަޅުގަނޑު ދަންނަވާނީ އެ ދެ އިންތިހާބު އޮންނަންޖެހޭނީ ވަކިންނޭ. އެދުވަހުގެ އެ ކޮންޓެކްސްޓަކީ މިއަދުގެ ހާލަތަށް އެޕްލައި ކުރާނެ ކަމެއް ނޫން

އާޒިމާ ވިދާޅުވި ގޮތުގައި ދައުލަތުގެ ހަމަޖެހުމަށްޓަކައި ދެ މުއައްސަސާ އެކުގައި އިންތިހާބު ނުކުރަން ނިންމީ، އެއްފަހަރާ ދެ މުއައްސަސާގެ ދައުރު ހަމަވެގެން ދިއުމަކީ ރަނގަޅު ގޮތެއް ކަމަށް އޭރު ނުފެންނާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: