ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕޭނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށް ދިނުމުގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެކަނި ފުރުސަތު ފަހިކޮށްދޭކަމަށް ބުނެ އެމްޑީޕީއިން ނުރުހުންފާޅުކޮށްފި އެވެ.
ހުޅުމާލޭގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭނަށް ބޭނުންވާ ތަކެތި ނުދޭކަމަށް ބުނެ އެމްޑީޕީން ވަނީ މީގެ ކުރިން ވެސް ސަރުކާރަށް ފާޑުކިއުން އަމާޒުކޮށްފަ އެވެ.
އެގޮތުން ކެމްޕެއިނަށް ބެނާއާއި، ޕޯސްޓަރުތައް ހަރުކުރުމަށް ތަކުރާރުކޮށް އެދުމުން ވެސް މިއަދާ ހަމައަށް އައި އިރު ވެސް އެ ފުރުސަތު ފަހިކޮށްދީފައިނުވާކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އަދި އެކަމަށް އެދި އެމްޑީޕީ ކެންޑިޑޭޓުންގެ ފަރާތުން ފޮނުވާފައިވާ ސިޓީތަކަށް ޖަވާބެއް ވެސް ދީފައެއް ނުވާކަމަށް ވަނީ ބުނެފަ އެވެ.
އެމްޑީޕީއިން ބުނެފައި ވަނީ، ހުޅުމާލޭގައި ޕޯސްޓަރު ހަރު ކުރުމަށާއި ބެނާ ދެމުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ހުއްދީފައި ނުވާ އިރު، ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި ބެނާތައް ސަރުކާރު ކުންފުނިތަކުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ވެސް ވަނީ ބަހައްޓާފައެވެ.
އެގޮތުން، ކެމްޕޭން ޕޯސްޓަރު ހަރު ކުރުމަށާއި ބެނާ ދެމުމަށް ހުއްދަ ދީފައި ނުވާތީ އަދި އެކަމަށް ތަކުރާރުކޮށް އެދިގެން ވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ އެހެން އިންތިހާބުތަކުގައި ވެސް ކެންޑިޑޭޓުންގެ ކެމްޕޭން ޕޯސްޓަރުތަކާއި ބެނާ ހަރުކުރާ އުސޫލުން އެމްޑީޕީގެ ކެންޑިޑޭޓުންގެ ބެނާއާއި ޕޯސްޓަރުތައް ވާނީ ހުޅުމާލޭގައި ބަހައްޓަފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. ނަމަވެސް އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭން ބައެއް ޕޯސްޓަރުތަކާއި ބެނާތަކަށް ގެއްލުންދީ އެތަކެތި ނަގާފައިކަމަށް ވެސް އެ ޕާޓީން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ ތުހުމަތުކޮށްފައެވެ.
އެމްޑީޕީއިން ބުނީ މިފަދަ އަމަލުތަކަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސް އެޅުމަށާއި އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭނަށް ހުރަސް އެޅުމަށް ސަރުކާރު އަޑީގައި އޮވެ ރާވައިގެން ހިންގާ އަމަލުތަކެއް ކަމަށެވެ. އަދި އެއްވެސް މީހަކު ތަފާތު ނުކުރުމަށާއި ހަމަހަމަކޮށް ހުރިހާ އެންމެނާ މެދު ވެސް އަމަލު ކުރުމަށް ގާނޫނު އަސާސީއާއި އިންތިހާބުތަކާ ބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ މަފުހޫމުތަކާއި ސީދާ ދެކޮޅަށް ސަރުކާރު އަޑީގައި އޮވެ ހިންގަމުންދާކަމަށާއި، މި ފަދަ ނާތަހުޒީބު އަމަލުތައް ވަގުތުން ހުއްޓާލުމަށް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ.

