ވެކްސިންނާއި ދެކޮޅަށް ކެމްޕެއިންކޮށް، އެކަމާއި ގުޅޭގޮތުން ނުބައި ތަސައްވުރެއް އުފެއްދުމަށްޓަކާ މަސައްކަތް ކުރަމުން އަންނަ ވައިބާ ގްރޫޕެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
11 އަހަރަށްފަހު ކުށްލިގޮތަކަށް ރާއްޖެއިން ހިމަބިހި ފެނި ހެލްތް މިނިސްޓްރީއިން ވަނީ އެކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. މިހާތަނަށް ދެ މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދަނީ އިތުރު 10 މީހަކު ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ އިދާރާއިން ވަނީ، ބަލި ޖެހުނު 3 އަހަރުގެ ކުޑަ ކުއްޖާއާއި 30 އަހަރުގެ ފިރިހެން މީހާ ގޮސްފައިވާ ތަންތަން ދެނެގަނެ އެ މުއްދަތުގެ ތެރޭގައި އެތަންތަނަށް ދިޔަ މީހުންނަށް އެ މައުލޫމާތު ފޯރުކޮށްދީ ވެކްސިނޭޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ނައްތާލާފައިވާ ހިމަ ބިހި ރާއްޖެއިން ފެނުމުގެ ކުރިންވެސް، ބަޔަކު އައީ ވެކްސިން އާއި ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި އެކަމާއި ދެކޮޅަށް އަޑު އުފުލާ މީހުންގެ ހިތްތަކަށް ނުބައި ވިސްނުންތަކެއް ވެއްދުމަށް އެ މީހުން މަސައްކަތް ކުރެއެވެ. ސޯޝަލް މީިޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ ވައިބާ މެދުވެރިކޮށް ކޮމިއުނިޓީ ގްރޫޕެއް ހަދާ ވެކްސިން އާއި ދެކޮޅަށް މަސައްކަތް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
އެ ވައިބާ ގްރޫޕުގެ މައްސަލަ ބެލުމަށް ގޮވާލާ އެތައް ބަޔަކު ނުުރުހުން ފާޅުކޮށްފައިވީ ނަމަވެސް އެކަށީގެންވާ ސިފައެއްގައި އެ މައްސަލަ ބަލާ ތަހުގީގުކޮށްފައި ވެސް ނުވެއެވެ. ހިމަބިހި ރާއްޖެއިން ފެނިފައިވާކަން އިއުލާނުކޮށް ވެކްސިންގެ ޑޯޒް ހަމަ ނުކުރާ މީހުން އެ ޑޯޒް ހަމަ ކުރުމަށް މިނިސްޓްރީން އެންގުމާއި އެކު އެކަމާއި ދެކޮޅަށް އެ ގްރޫޕުން އަޑު އުފުލާފައިވެއެވެ. އަދި ”ތިމާންނާގެ ދަރިއަށް، ވެކްސިން ދެންޏާވެސް ނުދެންޏާވެސް އިނގޭނީ ތިމަންނާ“ އަށް ކަމަށް ބުނެ ބައެއް މީހުން އެ ގްރޫޕުގައި ވާހަކަ ދައްކާފައިވެއެވެ.
އެއަށްފަހު ގްރޫޕުގެ ސްކްރީންޝޮޓެއް ވައިރަލް ވެގެން ދިއުމާއި އެކު އެ މައްސަލަ ބެލުމަށް ގޮވާލާ މީހުން ވަނީ އިތުރުވެފައެވެ. މައްސަލައާއި ގުޅިގެން ނޫސްވެރިން ވަނީ ފުލުހުންގެ ވައިބާ ގްރޫޕުގައި ވެސް ސުވާލުކޮށްފައެވެ. އަދި އެ ވައިބާ ގްރޫޕުގެ އައިޕީ އެޑްރެސް ހޯދުމަށް މަސައްކަތް ކުރޭތޯ ވެސް ބައެއް ނޫސްވެރިން ސުވާލު ކުެރިއެވެ. އެ މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ވައިބާ ގްރޫޕެއްގެ މައްސަލަ މިދިޔަ އަހަރު ފުލުހުންގެ ސަމާލުކަމަށް އައި ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކާ އެކު ފުލުހުން މަޝްވަރާ ކޮށް ފުލުހުން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހިމަބިހި ރާއްޖެއިން ނައްތާލާފައިވާ ކަން 2017 ގައި ރަސްމީކޮށް އިއުލާނުކޮށްފައި ވަނިކޮށް، ހިމަބިހި ޖެހިފައި ހުއްޓާ ފުރަތަމަ ދާދި ފަހުން ފެނުނީ ވެކްސިން ނުދީ ހުރި ތިން އަހަރުގެ ކުއްޖެއްގެ ގައިންނެވެ.
ކުޑަކުދިންނަށް ވެކްސިން ދިނުމާ ދެކޮޅު ހެދުމުގެ ބައެއް މައްސަލަތައް މީގެކުރިން ވެސް ފެންމަތިވެފައިވެ އެވެ. އޭރު ކަމާބެހޭ އިދާރާތަކުން ވަނީ ބައެއް ރަށްރަށަށް ގޮސް، އެފަދަ އާއިލާތަކަށް ނަސޭހަތްތެރިވެ، ކުދިންނަށް ވެކްސިން ދީފަ އެވެ.

