މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 15 މިލިއަނަށް ވުރެ ރުފިޔާ ލިބުނުއިރު، ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް 500،000 ރުފިޔާ ހަދިޔާކޮށްފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފިއެވެ.
ޒަކާތު ހައުސްއިން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 15،009،749 ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އަށް ވުރެ 10.6 ޕަސެންޓް އިތުރު އަދަދެކެވެ.
ޒަކާތް ހައުސްއިން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން ޣައްޒާގެ މީހުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 500،000ރ. އިސްރާ އެސޯސިއޭޝަންއާ ރޭ ހަވާލު ކުރެވިފައިވާކަމަށެވެ.
ޒަކާތު ހައުސް އިން ބުނި ގޮތުގައި ދަތި ހާލުގައި އުޅޭ ދިވެހިންނަށް އެހީވުމަށް ސޯޝަލް މިނިސްޓްރީގެ އިޖުތިމާއީ ޓްރަސްޓް ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 423,749ރ. ރުފިޔާ ވެސް އެ މިނިސްޓްރީއާ ވަނީ ހަވާލު ކުރެވިފަ އެވެ.
ރާއްޖޭގައި ފިތުރު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މީސްކީނުންގެ ކޮންމެ މީހަކަށް 6،000ރ. މި އަހަރު ވަނީ ދީފަ އެވެ. ފަގީރުންނާއި މީސްކީނުންނަށް ޖުމުލަ ބަހާފައި ވަނީ 13،896،000ރ. އެވެ.

