ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމައިގެ ސަބަބުން ރިޒާވްގެ ހާލަތަށް ހީނަރުކަމެއް ނާދޭ، ރޭވި ގޮތަށް ސުކޫކު އަދާކުރެވޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނޫސްވެރިންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވަށް އެއްވެސް ހީނަރުކަމެއް އައިސްފައިނުވާ ކަމަށާއި، މި އަހަރު އަދާކުރަންޖެހޭ ސުކޫކުގެ ޕޭމެންޓު ކުރިންވެސް ރޭވިފައިވާ ގޮތަށް އޭޕްރީލް މަހުގެ 8 ވަނަ ދުވަހު އަދާކުރެވޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ބޭނުންވާ ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިނުވާނެކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އިއްޔެ އައު ތެޔޮ ޝިޕްމެންޓެއް ގެނެވިފައިވާއިރު، އަންނަ މަހުވެސް އިތުރު ޝިޕްމެންޓުތައް ގެނައުމުގެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސާފައެވެ. ތެލުގެ ސްޓޮކް ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓެމުންދާ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.

ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ރައްޔިތުންނަށް ފޯރާ މިންވަރު ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ އަމިއްލަ ވިޔަފާރިތައްވެސް ބައިވެރިކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ބޭނުމަކީ ބައިނަލްއަގުވާމީ ބާޒާރުގައި އަގުތަކަށް އަންނަ ލޮޅުންތަކުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމެވެ.

ދައުލަތުގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާޗް 18 އާ ހަމައަށް ދައުލަތުގެ ޖުމްލަ ރިޒާވް ހުރީ 1.2 ބިލިއަން ޑޮލަރަށްވުރެ މަތީގައި ކަމަށެވެ. އަދި ޔޫޒަބަލް ރިޒާވްވެސް 300 މިލިއަން ޑޮލަރަށްވުރެ މަތީގައި ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ކުރިން ރޭވި ގޮތަށް ޔޫޒަބަލް ރިޒާވްގައި ހުރި ފައިސާއާއި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ރައްކާކޮށްފައި ހުރި ފައިސާ ބޭނުންކޮށްގެން އޭޕްރީލު މަހުގެ އަށްވަނަ ދުވަހު ސުކޫކުގެ ޕޭމެންޓު ހަދައި ނިންމައިލެވޭނެ،“ ރައީސް ވިދާޅުވިއެވެ.

މީގެ ސަބަބުން ރާއްޖޭގެ މާލީ އިތުބާރު ދެމެހެއްޓިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: