މެދުއިރުމަތީގެ ހަނގުރާމާގައި ޔުނައިޓެޑް އަރަމް އެމިރޭޓްސް (ޔޫއޭއީ)ގެ ފުޖައިރާއަށް ދިން ހަމަލާއާއި ގުޅިގެން، އެ ސަރަހައްދުގައި ތިބި ދިވެހި ދެ ދަރިވަރަކު ރައްކާތެރި ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން އިސްނަގައިގެން ކޮށްފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި ކަންކަން ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، ރާއްޖެއިން ބޭރުގައި އުޅޭ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް ކަމަށެވެ.
މިނިސްޓަރ ހައިދަރު ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތުގައި ފޮރިން މިނިސްޓްރީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދެއެވެ.
”އެމްބަސީތަކާއި ކޮންސިލޭޓްތައް މެދުވެރިކޮށް ރާއްޖޭއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ރައްކާތެރިކަމާއިއެކު އުޅެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެމުން ގެންދާނެ“ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދަރިވަރުންގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މިސުރާއި ތުރުކީ ސަރަހައްދުގައި 78 ދަރިވަރަކު ތަޢުލީމު ހާސިލްކުރަމުންދާ ކަމަށެވެ. ނަމަވެސް، މިހާރު ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުގައި ތިބީ ވަރަށް މަދު ދަރިވަރުންކަން އޭނާ ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ 9 ވަޒީރުންގެ މައްޗަށް އެކުލަވާލެއްވި މި ކޮމިޓީން ކޮންމެ އާދިއްތަ ދުވަހެއްގެ ހަވީރު 4:00 ގައި އަދާހަމަ މަޢުލޫމާތު ހިއްސާކުރާނެއެވެ. އިއްޔެގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރުގެ އިތުރުން ދިފާޢީ ވަޒީރު، މާލީ ވަޒީރު، އަދި އިތުރު ވަޒީރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

