ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ހާއްސަ ބިލެއް މަޖިލީހަށް ހުށަހަޅަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކަންކަން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ހަރުދަނާ ކުރުމަށްޓަކައި، އެކަމާ ބެހޭ ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރަށް ހުށަހަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިލްސިލާކޮށް ފެށި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، މިއަދު އޮތް ޕްރެސްގައި ރައީސް ވިދާޅުވީ ރާއްޖޭގައި މަރުގެ ހުކުމް އިއްވައި، ޝަރުއީ ހުރިހާ މަރުހަލާތަކެއް ނިމިފައި ތިބި ގިނަ ބަޔަކު އެބަތިބި ކަމަށެވެ. މީގެ ކުރީގެ ސަރުކާރުތަކުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ބުނި ނަމަވެސް، އަމަލީ ގޮތުން އެކަން ކޮށްފައި ނުވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު، އިސްލާމީ ޝަރީއަތް ހިނގާނެކަން ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ލިޔެވިފައިވާކަމަށެވެ. އަދި ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމާއި، ނުކޮށް ދޫކޮށްލުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނަ ފަރާތަކަށް ދީފައިވާ އިޚުތިޔާރެއް ނޫން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، މަރުގެ މައްސަލަތަކުގައި އެ ފަރާތްތަކުގެ އާއިލާތަކުން މާފު ނުދީ، ހުރިހާ މަރުހަލާއެއް ނިމިފައި ތިބި މީހުންނަށް އަދަބު ނުދެވި ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ވެސް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެވިފައިވީ ނަމަވެސް، އެކަން ތަންފީޒު ކުރުމުގެ އިޖުރާއަތްތައް ބޭނުންވާކަން ފާހަގަކުރެއްވި އެވެ.

މި ބިލުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރުގެ ތެރޭގައި ބިލު ފޮނުއްވާނެކަމަށް ރައީސް ޔަގީންކަން ދެއްވިއެވެ.

އެހެންވީމަ މި ބިލު އިރާދަކުރެއްވިއްޔާ ނިމުމަކާ ހަމައަށް ގޮސްފައި ވަނީ.. މިހާރު ހިނގަމުންދާ މަޖިލީހުގެ މިހާރުގެ، މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި ބިލު އަޅުގަނޑުމެން މަޖިލީހަށް ފޮނުވާނަން. އެ ބިލު މަޖިލީހުން ފާސްވެގެން އައުމުން، އެ ބިލު ތަސްދީގު ކުރެވުނީމަ ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ އަދި ފުރިހަމަވާ ހުރިހާ ފަރާތްތަކެއް، މަރުގެ ހުކުމް ތަންފީޒުކުރަން ފުރިހަމަވާ ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު ތަންފީޒު އިރާދަކުރެއްވިއްޔާ މި ސަރުކާރުން ކުރާނެ… އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ގާނޫނީ ގޮތުން ގެންނަންޖެހޭ ގާނޫނު ގެނައުމުގެ ކަންތައްތައް މިހާރު މަޖިލީހަށް ހުށަހެޅުމަށްޓަކައި މަސައްކަތް މި ކުރަނީ.

ރާއްޖޭގައި 1954 ގެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައި ނުވާއިރު، މިހާތަނަށް 14 މީހެއްގެ މައްޗަށް މަރުގެ އަދަބުގެ ހުކުމް ވަނީ އިއްވާފަ އެވެ. އަދި އޭގެ ތެރެއިން ހަތަރު މީހަކު ތިބީ، ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: