ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަށް އިންވެސްޓް ކުރާ އަމިއްލަ ފަރާތްތަކަށް ޚާއްސަ ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާއަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ދާއިރާއެއް ކަމަށެވެ. އަދި މިހާރު މެދު އިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށާއި، މިވަގުތަށް އަސާސީ ކާބޯތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
، ”މިހާރު ދިމާވެފައިވާ ހާލަތުގައި އިންސެންޓިވްތައް ދިނުމަށް ރާއްޖޭގައި އުފައްދާ ކާބޯތަކެތި އުފެއްދުމަށް ޕްރައިވެޓް ސެކްޓަރ ފަރާތްތަކަށް ޚާއްސަ އިންސެންޓިވްތަކެއް ދިނުމަށް އަޅުގަނޑުމެންގެ ވިސްނުން މިއޮތީ. އޭގެތެރޭގައި ހިލޭ ބިން ޕްރޮވައިޑްކޮށްދިނުން ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ފަރާތްތައް އެދާއިރާއަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ހިލޭ ބިން ޕްރޮވައިޑް ކޮށްދިނުން. ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ތަކުގެ ޚާއްސަ ލުއިތަކެއް ދިނުމަށް އަޅުގަނޑުމެން ގަސްތުކުރަން.“ ރައީސް
މީގެ އިތުރުން، ދިވެހި އިޤްތިޞާދުގައި މިހާތަނަށް އެކަށީގެންވާ ސަމާލުކަމެއް ދެވިފައި ނުވި ނަމަވެސް، ދަނޑުވެރިކަމަކީ ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުން ބަލާއިރު އެންމެ މުހިންމު އެއް ސިނާޢަތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ ވިލުންތެރި އިޤްތިޞާދެއް ޤާއިމްކޮށް، ރާއްޖޭގެ އާބާދީއަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ ބާވަތްތައް ރާއްޖޭގައި އުފައްދައި ފުޑް ސެކިޔުރިޓީ ކަށަވަރުކުރުމެވެ.
މި މަޤްޞަދު ހާސިލްކުރުމަށްޓަކައި ”ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް“ގެ ދަށުން ދަނޑުވެރިކަމުގެ ސިނާޢަތަށް އިންވެސްޓްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެފައިވާ ކާބޯތަކެތީގެ ނިޒާމެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

