ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ގދ. ތިނަދޫއަށް ވަޑައިގެންފިއެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި ފަސްޓްލޭޑީ ތިނަދޫއަށް ވަޑައިގަތުމުން، އެ ރަށުގެ ބަނދަރު ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ، އެކަމަނާއަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ދަތުރުފުޅުގައި އެކަމަނާ ޕީއެންސީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއާ ގުޅޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތިނަދޫއަށް ކުރައްވާ ދަތުރުފުޅަށްފަހު، ފަސްޓްލޭޑީ ސާޖިދާ ފުވައްމުލައް ސިޓީއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާގެ ވަގުތެއްގައި އެކަމަނާ އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ވެސް ވަނީ ތާވަލުކުރެވިފައެވެ.
ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް މާލޭގައި ބޭއްވި ޖަލްސާތަކުގައި ވެސް ފަސްޓްލޭޑީ މީގެ ކުރިން ބައިވެރިވެވަޑައިގެންފައިވެއެވެ. އެގޮތުން، ކައުންސިލް އިންތިހާބަކީ އާންމުކޮށް މަދު ބަޔަކު ވޯޓުލާ އިންތިހާބެއް ނަމަވެސް، މިފަހަރުގެ އިންތިހާބުގައި ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް އެކަމަނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން، ސަރުކާރުން ރަށްރަށަށް ގެންނަން ބޭނުންވާ ތަރައްގީ ކަށަވަރުކުރުމަށްޓަކައި، ޕީއެންސީއަށް ނިސްބަތްވާ ކެންޑިޑޭޓުން ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވައިދިނުމަށް ވެސް ފަސްޓްލޭޑީ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

