އިސްތިއުފާ ދެއްވަންޖެހޭ ސަބަބެއް ނެތް ކަމަށާއި އިސްތިފާދެއްވިޔަސް ދެއްވާނީ ޖިންސީ ގޯނަގެ މައްސަލައެއް އިތުރަށް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވީމަ ކަމަށް ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
ޝިދާތާ މިހެން ވިދާޅުވީ، ކުޑަކުއްޖެއް ރޭޕުކުރި މައްސަލައިގައި މިއަދު އާންމުން ނުކުމެ ޖެންޑަރ މިނިސްޓްރީ ކުރިމަތީގައި އިހުތިޖާޖުކޮށް މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލުމުން ރައްދުގައެވެ.
މިނިސްޓަރ ވަނީ އިހުތިޖާޖުކުރި ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކޮށް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. އެގޮތުން، އިސްތިއުފާދެއްވަންޖެހޭ ކަމަށް ގަބޫލުކުރައްވަންތޯ މިނިސްޓަރާ ސުވާލުކުރުމުން، މިނިސްޓަރު ވިދާޅުވީ، އެކަމަނާ އިސްތިއުފާދެއްވަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އިސްތިފާދެއްވިޔަސް ދެއްވާނީ ޖިންސީ ގޯނަގެ މައްސަލައެއް އިތުރަށް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވީމަ ކަމަށެވެ.
އުމުރުން ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން ދެކުނު ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ޝާމިލު ވަނީ ދެ މީހުން ކަމަށެވެ. އެގޮތުން ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ 62 އަހަރުގެ ފިރިހެން މީހާ އާއި 81 އަހަރުގެ ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ.
ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މީސް މީޑިއާގެ ތެރެއިންނެވެ. އެ ރަށުގެ ބައެއް މީހުން ބުނީ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގައި އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި އެކަން ކުއްޖާގެ ވާހަކަތަކުން އެނގޭ ކަމަށެވެ.

