މިއަދު އިރުގެ ދޯދި އުދަރެހުން ފާއްދާލީ ގއ.ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރުމުގައި އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ބައިވެރިވާ ކަމަށް ކުރެވޭ ތުހުމަތާއެކުއެވެ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެދުވަހު ކުއްޖާ ގޮވައިގެން ގެޔަށް ދިޔައިރު ”ބަނޑަށް ތަދުވާ ވާހަކަ“ ކުއްޖާ ބުނިކަމަށްވެ އެވެ. ދެން އެ ހިސާބުން އާއިލާއިން އެތައް ވަރަކުން ސުވާލުކުރުމުން މަޑުމަޑުން ބައެއް ވާހަކަ ކިޔައިދޭން ފެށީ އެވެ. އަންހެން ކުއްޖާ ރޭޕްކޮށްފައިވާކަން އެނގުނީ ބޮޑުދައިތަ، އެކުއްޖާ ގޮވައިގެން ގޮސް ޑޮކްޓަރަށް ދެއްކުމުންނެވެ. ހޮސްޕިޓަލުން ޓެސްޓުތައް ހެދިއިރު ލިބުނު ނަތީޖާ އަކީ ”އިއާދަ ނުކުރެވޭނެ ފަދަ އަނިޔާތަކެއް ކުއްޖާއަށް ލިބިފައިވާ“ ކަމެވެ. އެރަށު މީހުން ބުނާގޮތުގައި އެ ކުއްޖާ ރޭޕްކުރުމުގައި ބައިވެރިވެފައި ވަނީ، އެކުއްޖާގެ ބައްޕައާއި، ކާފަ އާއި މުނި ކާފައެވެ.
މިހަބަރު އިވުމުން ގަދަވި ރުޅިއާއި އެއްވަށް ދެރަވެ ލަދުވެސް ގަތެވެ. ހިތަށް އެރިއެވެ. އެންމެ ދެ އަހަރުގެ ތުއްތު ކުއްޖެކެވެ. ބައްޕައާއި ކާފައާއި މުނިކާފަ ބައި ހަދައިގެން ކުރަން މިނޫން ކަމެއް ހަމަ ނުފެނުނީހެއްޔެއެވެ. އިއްޔެ އިބްތިހާލްއެވެ. ހަމަ ތުއްތު ތުއްތު ކުއްޖެކެވެ. މިއަދު އިބްތިހާލަށްވެސް ތުއްތު ކުއްޖެކެވެ. ހަމަ އެންމެ ދެ އަހަރެވެ. ދުނިޔޭގެ ވަޔާއި އޮއިވެސް ނޭނގޭނެ މައުސޫމް ކުއްޖެކެވެ. އެތުއްތު ކުއްޖާ މާދަމާ ބޮޑުވާނެއެވެ. ހާދަހާ އެއްޗެއް ހިތަށް އަރާނެތާއެވެ. މުޖުތަމައުއެއްގެ ގޮތުގައި އަޅުގަނޑުމެން ފެއިލް ވާނީ މިވަކަށްތާއެވެ. ހާދަހާ ލަދުވެތި ކަމެކެވެ.
ތުއްތު ކުއްޖާ ހިތަށް އަރާނެތާއެވެ. ތިމަންނަ މިއުފަންވި ދުނިޔެއަކީ ހަމަ މިއީ ހެއްޔެވެ؟ މިއީ ވަރަށް އުފާވެރި ތަނެއްކަމަށް އެތުއްތު ކުއްޖާ ހާދަހާ އުއްމީދެއްކުރާނެއެވެ. އެހެނަސް މިއަދު، އުފަލާއި އަރާމާއި ހެވާއި ނުބައި އެ ތުއްތު ކުއްޖާއަށް ހުންނާނީ އޮޅިފައެވެ. ދުނިޔެމަތިން ފޫހި ނުވާނެހެއްޔެވެ؟ ލޭގެ ގުޅުމަށް ނަފްރަތު ނުކުރާނެހެއްޔެވެ؟ އިހްތިރާމާއި އަދަބަށް ބުނާނީ ކީކޭހެއްޔެވެ؟ އިތުބާރު ކުރެވޭނީ ކާކަށްހެއްޔެވެ؟ އިއްފަތް ފޭރިގަތީ ބައްޕައާއި، ކާފައާއި މުނިކާފަ ނޫންހެޔެވެ! އެންމެ ލޯތްބާއި އަޅާލުމަށް އިންތިޒާރުކުރި މީހުންގެ ކިބައަކުންނޫންހެއްޔެވެ؟ އެއަށްވުރެ ގާތީ ކޮން ބަޔަކާއި ހެއްޔެވެ؟ ދިރިއުޅުމާއި ދުނިޔެ، އެ ތުއްތު ކުއްޖާއަށް ސިފަ ވާނީ ހިތި ޒަހަރުގެ ގޮތުގައެއް ނޫން ހެއްޔެވެ؟ ތުއްތު ކުއްޖާ އޭނާގެ އަމިއްލަ ނަފްސަށް ކުރާނީ ކޮން އިތުބާރެއްތޯއެވެ! ހަގީގަތުގައިވެސް ހާދަހާ ހިތްދަތި ލަތުވެތިކަމެކެވެ.
އެހިތްދަތިކަމުގެ މައްޗަށް މާޔޫސްކަން ގެނުވި އަނެއް ކަމަކަށްވީ މި މުޑުދާރު އަމަލު ހިންގި ބަފައިންތައް ހައްޔަރުކުރުމުގެ ކަންކަން ކުރިއަށްދިޔަގޮތާއި، ވަށައިގެންވި މާހައުލުން އަމަލުތައް ބެހެއްޓި ”ސިމްޕަލް“ ގޮތުންނެވެ.
https://www.facebook.com/franks.shaheed/videos/1412779788883960/?d=n
މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ތުއްތު ކުއްޖާގެ ކާފައާއި މުނި ކާފަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. ކަން ދިމާކުރިގޮތުން އެރަށުގެ ބޭފުޅެއްގެ ފޭސްބުކް ލައިވް އިން މަންޒަރު ދިޔައީ ވަގުތުން ފެންނަމުންނެވެ. އެ މުޑުދާރު އަމަލު ހިންގި މުނި ކާފަ ހައްޔަރުކުރަނީއެވެ. އެ މުސްކުޅި މީހާ އަވި އައިނެއް އަޅައިގެން ގެއިން ނުކުމެގެން ބަނދަރު ސަރަހައްދާއި ހަމައަށް ދިޔައިރު އޭނާގެ ހާސްކަމެއް ނެތުމާއި އެރަށު މީހުންގެ ”ކޫލްކަން“ ފެނި ހަމަ ހައިރާންވިއެވެ. އެ މުސްކުޅި މީހާއާއި ދިމާލަށ ބަހެއް ބުނެލާނެ ހިތްވަރެއްވެސް ކަނޑުހުޅުދޫއަކުން ނުފެނުނެވެ، އޭނާގެ މާތްކަމުންކަމެއް މުސްކުޅިކަމުން ކަމެއް ނޭނގެއެވެ.
ކަމަކަށް ހިތްވަރު ދެނީކީނޫނެވެ، ނަމަވެސް ލޭ ހޫނުވަނީއެވެ. އަޅުގަނޑުގެ ސިކުނޑީގައި އެމުސްކުޅި މީހާ ގެންދަން ޖެހޭނީ ހަތަރެސް ފައިގައި ބިޑި އަޅުވާ ޗެން ޗޭނު ޖަހާފައި މަގު މެދުގައި ދަމާ ކޫއްތާފައެވެ. ރަށުގެ ރައްޔިތުން އޭނާގެ ގަޔަށް ކަރުގޮހޮރާއި ކަޅު ތެލާއި ނަޖިސް އޭނާގެ ގަޔަށް އުކާނެއެވެ. ވަގުތުކޮޅަކަށްނަމަވެސް އޭނާއަށް ދުނިޔޭގެ ލަދު އިހްސާސްވިޔަ ދިނުމަށެވެ. އަނިޔާއާއި ތަދަކީ ކޯއްޗެއްކަން އޭނާއަށް އަންގައިދިނުމަށެވެ. މިކުރެވުނީ ކިހާވަރެއްގެ ކަމެއްކަން، އެފަދަ އަނެކާއަށްވެސް އަންގައިދިނުމަށެވެ.
ތުއްތު ކުއްޖާގެ ކާފަވެސް ހަމަ އެފަދައެވެ. ބޮޑަށް ސިފަކުރެވުނީ ފުލުހުންގެ ހިމާޔަތުގައި އޭނާއަށް މާބޮޑު ގަދަރަކާއި ޝަރަފުގެ އެވޯޑެއް ލިބުމުން އޮނަރ ގާޑެއް އެރުވިހެންނެވެ. ހުރީ އެހާވެސް ހަމަޖެހިފައެވެ. އެރަށު މީހުންވެސް ހަމަ އެފަދައެވެ. އެއް ބަޔަކު ފޮޓޯ ނަގަނީއެވެ. އަނެއް ބަޔަކު ވީޑިއޯކުރަނީއެވެ. މި ދެބފައިންނާއި ދިމާލަށް ދާން ކެރުނު މީހެއް ނެތެވެ. ހާދަހާ ލަދުވެއްޗެވެ، ހާދަހާއެވެ. މުޖުތަމައުއެއްގެގޮތުގައި އަހަރެމެން ހާދަހާ ބޮޑަކަށް ފެއިލްވެއެޖެވެ. އެ ތުއްތު ކުއްޖާގެ ހައްގުގައި އެއްވެސް ކަމެއް ކޮށް ނުލެވުނީމައެވެ.
މަންމަ ޑްރަގް އެޑިކްޓެކެވެ. ބައްޕަ އަމިއްލަ ދަރިފުޅުގެ އިއްޒަތް ލޫޓުވާލީއެވެ. ކާފައާއި މުނި ކާފަ އެޖަރީމާ ފުޅާކޮށްލީއެވެ. ހިމާޔަތެއް ނެތި މިއަދު އެ ތުއްތު ދަރިފުޅު އެހެރީ ދައުލަތުގެ ބެލުމުގެ ދަށުގައެވެ. އަމިއްލަ ހިޔާވައްސަށްވުރެ ރަނގަޅު ހިޔާވައްސެއްކަމަށް އުއްމީދުކުރަމެވެ. އެ ތުއްތު ކުއްޖާފުޅު އިތުރަށް މާޔޫސްކޮށްނުލައްޗެވެ. އާދޭހާއެކު އެދެމެވެ.

