ގޮތް ނޭނގޭ އެއްޗެއް ބަންދުގައި ކޮށްފައި ހުރި ގިނަ އަދަދެއްގެ ޕެކެޓްތަކެއް ގއ. މާމެންދު އަށް ލައްގާފައި ހުއްޓާ މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މާމެންދޫ ދެކުނު ފަރާތު ގޮނޑުދޮށުން މި ޕެކެޓްތައް ފެނިގެން މިއަދު ހެނދުނު 6:35 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި މީގެ 44 ޕެކެޓް ލައްގާފައިވާ ކަމަށެވެ. މި ޕެކެޓްތަކުގައި ހުރީ ކަޅު ކުލައިގައި ހުރި ފަތްތަކެއް ފާޑުގެ އެއްޗެއްކަން ފުލުހުން އާންމުކުރި ފޮޓޯތަކުން އެނގެ އެވެ. އެ އެއްޗެހި ހުރީ ކަޅު ރަބަރުގައި ބަންދުކޮށް، ބޭރުން ޓޭޕް އޮޅައިފަ އެވެ.

ފުލުހުން ބުނީ ޕެކެޓްތަކުގައި ހުރީ ކޮން އެއްޗެއްކަން ދެނެގަތުމަށް ތަހުލީލު ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން ބ. އޭދަފުށީ ފަޅުތެރެއިންނާއި ކ. ގިރިފުށީ ފަޅު ތެރެއިން ވެސް ވަނީ ގޮތް ނޭނގޭ ފަތްތަކެއް ހުރި ޕެކެޓްތަކެއް ފެނިފަ އެވެ.

